ރިޟުވާނުގެ މަރާއިގުޅިގެން ޢާންމުކުރި ވީޑިއޯ: އިތުރު ކުރިއެރުމެއް ނުލިބޭ، އަދިވެސް އެދެނީ މަޢުލޫމާތު ހިއްސާ ކުރުމަށް!
ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މަރާއި ގުޅޭ ވީޑިއޯއެއް ޢާންމުކޮށްފި އެވެ.
މި ވީޑިއޯ ޢާންމުކޮށްފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެވެ.
އެ ކޮމިޝަނުން މި ވީޑިއޯގައި ވަނީ އަނެއްކާވެސް އެ މައްސަލައިގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.
މ. ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ގުޅޭގޮތުން އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯގައި ރިޟްވާން އެންމެ ފަހުން ފެނުނު ވަގުތާއި، އޭނާ ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަވަގުތު ވަޅިއެއް ވެއްޓިފައި އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި މައްސަލާގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފައިސާގެ އިނާމު ހުށައަޅާފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް މި ކޮމިޝަން އުފެއްދީ 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އެވެ. މި ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފަ އެވެ.
މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިޔާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.
ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތްކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ފަހުން ވަނީ ބުނެފަ އެވެ.
މިއީ މ.ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް https://t.co/Q2L9otBNuv
— Commission on Disappearances and Deaths (@DdcomMdv) July 1, 2021