
ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓު ކުރުމަށް ވެބިނާރތަކެއް ބާއްވައިފި
ރާއްޖޭގެ ފަތުރުވެރިކަމާ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓްކުރުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުން ނިމިދިޔަ ޖޫން މަހު 3 ވެބިނަރ ބާއްވައިފި އެވެ.
މިގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ޖޫން 16 ވަނަ ދުވަހު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން، ”އިންވެސްޓްމަންޓް އިން މޯލްޑިވްސް“ ގެ ނަމުގަ އެވެ.
މި ވެބިނަރ ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ނެވެ.
އީޔޫގެ ޤައުމުތަކަށް ނިސްބަތްވާ އިޤްތިޞާދީ ދާއިރާގެ 90 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ވެބިނަރގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުންނާއި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެފަރާތްތަކަށް އެރުވި އެވެ.
މި ވެބިނަރގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ވައިސް ޕްރެޒިޑެންޓް ކްރިސްޓިއަން ކެޓެލް ތޮމްސެން ވާހަކަފުޅު ދެއްކެވި އެވެ.
އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ވެބިނަރއަށްފަހު ޚާރިޖިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ 2 ވެބިނަރއެއް ބާއްވާފަ އެވެ.
މީގެ ތެރެއިން ފުރަތަމަ ވެބިނަރ ބޭއްވީ 22 ޖޫންގައި، ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ނެވެ. މި ވެބިނަރ ބާއްވާފައިވަނީ ފޮރިން މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނެވެ.
ރާއްޖޭގެ ޓޫރިޒަމް އަލުން ފުޅާކޮށް ހުޅުވާލާ، ޓޫރިޒަމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިން މި ވެބިނަރގައި ޖަޕާނުގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން 23 ފަރާތަކުން ބައިވެރިވި އެވެ.
ރާއްޖެއަށް އަންނަ ޖަޕާނު ފަތުރުވެރިންގެ 80 އިންސައްތަ ފަތުރުވެރިން ގެންނަނީ މި އޮޕަރޭޓަރުން ނެވެ. ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް މިފަދަ ވެބިނަރތައް ކުރިއަށް އޮތްތަނުގައި ވެސް ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ބާއްވާނެ އެވެ.
High Commission of Maldives in Singapore and National Association of Travel Agents Singapore co-hosts "Destination Maldives Webinar"
📃 Press Release | https://t.co/TB3s73ayVN#SGvisitMV pic.twitter.com/yFdUKA80Fl
— Ministry of Foreign Affairs 🇲🇻 (@MoFAmv) June 30, 2021
ފަތުރުވެރިކަމާ ގުޅޭ ދެވަނަ ވެބިނަރ ބާއްވާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް ސިންގަޕޯރ (ނާޓާސް) ގުޅިގެން، ޖޫން 30 ގަ އެވެ.
ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި ސިންގަޕޫރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނަށް މި ވެބިނަރގައި ވަނީ އަރުވާފަ އެވެ. މި ބައްދަލުވުމުގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތން ބައިވެރިވި އެވެ.
ފަތުރުވެރިކަމާ ބެހޭ މި ވެބިނަރތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޖަމްއިއްޔާތަކުން ބައިވެރިވެ، މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައި ވެއެވެ.
ކޮވިޑްގެ ޙާލަތާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މަސައްކަތްތައް ރީއޮރިއެންޓް ކުރެވި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހީގެ ފުރުސަތު ހޯދުމާ ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭރު ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ނެވެ.
އެގޮތުން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބާއްވަމުންދާ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނެ އެވެ.