މެލޭޝިއާގައި ކެނަބިސް ގަސް ގޭގައި ހައްދައިގެން ވިއްކަމުން ދިޔަ އާއިލާއެއް ހައްޔަރު ކޮށްފި
މެލޭޝިއާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް ގޭގައި ހައްދައިގެން އޭގެ ވިޔަފާރި ކުރަމުން ދިޔަ އާއިލާއެއް ހައްޔަރު ކޮށްފި އެވެ.
އެ އާއިލާ އަކީ ސިންގަޕޫރު ބައެއް ކަމަށް މެލޭޝިއާ ފުުލުހުން ބުންޏެވެ. އެމީހުން މެލޭޝިއާގައި އެތެރެ ވެގެން އުޅެނީ ސެންޓުގެ ވިޔަފާރި ކުރުމުގެ ނަމުގައި ވިސާ ޖަހައިގެން ކަމަށް ބުނެފައިވެ އެވެ.
މެލޭޝިއާގެ ސެލަންގޯރު ސްޓޭޓްގައި އާއިލާ ދިރިއުޅެމުން ގޮސްފައިވަނީ ބޮޑު ގެއެއްގައި މުއްސަނދި ދިރިއުޅުމެކެވެ. އެ އާއިލާގައި ހިމެނޭ ތިން މީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
މެލޭޝިއާ ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ފިރިހެނަކާއި އޭނާގެ ދެ ދަރިން ކަމަށްވާ 31 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެމީހުންގެ ގެ ބަލާ ފާސްކުރި އިރު ކެނަބިސް ބޮޑު އަށް ގަހާއި އޭގެ ފަތް ހިއްކައި ވިއްކަން ތައްޔާރު ކޮށްފައި ހުރި 23 ފުޅި އަތުލައިގެންފައިވެ އެވެ. ވިއްކަން ތައްޔާރުކޮށްފައި ހުރި ކެނަބިސްގެ ބަރުދަނުގައި 398 ގްރާމް ހުއްޓެވެ.
ފުލުހުން ބުނެފައިވަނީ އެ ގައިން މަސްތުވާތަކެތި ވިއްކުމަށް ތައްޔާރު ކުރުމަށް ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށެވެ. އެގޮތުން އޮކްސިޖަން ޓޭންކާއި އަވަހަށް ފަތްތައް ހިއްކާލާ މެޝިން ފަދަ ތަކެތި ހިމެނެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމުން އެނގިފައިވަނީ އެ އާއިލާއިން ކެނަބިސް އޮށް އެތެރެ ކުރަނީ އެމެރިކާއިން ކަމެވެ. އެތަކެތި އެމީހުން ގަނެފައިވަނީ އޮންލައިންކޮށް ކަމަށް ބުނެ އެވެ.
ވިިޔަފާރި ކުރުމުގެ އިތުރުން އެމީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއްކަންވެސް ސާބިތުވެފައިވެ އެވެ. އެއީ ތިން ބަފައިން ހައްޔަރުކޮށް ޓެސްޓު ކުރި ކެނަބިސްއަށް ޕޮސިޓިވްވެފައިވާތީ އެވެ.