
މަހްލޫފުގެ މައްސަލައިގާ ގޮތެއް ނިންމުން އަންނަ ހަފުތާގަ!
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އާ މެދު ގޮތެއް ނިންމާނީ އަންނަހަފުތާގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.
ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގާ އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި ކަމަށެވެ.
އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު، އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މަހުލޫފް ވިދާޅުވެފައިވަނީ އޭނާއާ ދެކޮޅަށް ހެކި ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި މައްސަލައިަގއި ޕީޖީން އަވަހަށް ގޮތެއް ނިންމައިދިނުމަށް އެދޭ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ލިޔެކިއުންތައް ދިރާސާކުރުމުގެ ކަންކަން ކަމަށެވެ. އަދި އަންނަ ހަފްތާ ނިމެންވާއިރަށް އެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.