
ނޭޕާލުގައި 45 އަހަރު ފަހުން ވިސާ ސިސްޓަމް ޑިޖިޓަލް ކޮށްފި
ނޭޕާލްގައި ޑިޖިޓަލް ވިސާ ސިސްޓަމް ބޭނުން ކުރަން ފަށައިފި އެވެ.
ޑިޕާޓްމެންޓު އޮފް އިމިގްރޭޝަންގެ ދަށުން ހިންގާ މި ސިސްޓަމް ތައާރަފު ކުރީ މިއަދު އެވެ. އެ ގައުމުގެ އިމިގްރޭޝަނުން ބުނީ މި ސިސްޓަމުން ޑިޖިޓަލްކޮށް ވިސާ ޖެހުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ ކަމަށެވެ.
އެގޮތުން ވިސާ ސްޓިކާ ޑީޓެއިލް، ސެކިއުރިޓ ފީޗާސް، ހޮލޯގްރާމް އަދި ވޯޓާ މާކްވެސް ޑިޖިޓަލްކޮށް ޖެހޭނެ ކަމަށް ބުނެ އެވެ.
ނޭޕާލް ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ޑިޖިޓަލް ވިސާ ސިސްޓަމް ބޭނުން ކުރަން ފެށުމުން ވިސާ އާއި ގުޅުން ހުރި ކަންކަން ހަރުދަނާވެގެންދާނެ އެވެ.
ނޭޕާލް އިމިގްްރޭޝަން ޑިޕާޓްމެންޓުން ބުނީ ވޭތުވެ ދިޔަ45 އަހަރު އެ ތަނުން ވިސާ ޖަހައި ދެމުން ދިޔައީ އަތުން ލިޔެގެން ސޓިކާ ޕްރިންޓުކޮށްގެން ޖަހައިގެން ކަމަށެވެ.
ހިދުމަތް ތައާރަފު ކުރި ފުރަތަމަ ދުވަހު އެ ގައުމަށް އެތެރެވި 150 ބިދޭސީއެއްގެ ޕާސްޕޯޓުގައި ޑިޖިޓަލްކޮށް ވިސާ ޖަހައިދީފައިވެ އެވެ.