ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ ލީގުގެ ދެވަނަ މަގާމަށް ޕީއެސްޖީއިން ޖެހިލައިފިއެވެ.
ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ލީއްލޭއާ ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.
ލިއްލޭގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހިފައިވަނީ ލަނޑެއް ކާމިޔާބު ކުރެވި އެއްވަރުވެ އޮވެގެންނެވެ.
އެހެން ނަމަވެސް ދެޓީމަށްވެސް ލަނޑުޖަހަން ފުރުސަތު ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ ޕީއެސްޖީ އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށް ފައިވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި އެންހެލް ޑިމަރިއާގެ އެހީތެރިކަމާއެކު އެޑިންސަން ކަވާނީ އެވެ.
ކަވާނީގެ މި ލަނޑަށް ފަހު މޮޅަށް ކުޅެމުންއައީ އެޓީމުންނެވެ. އެގޮތުން ލަނޑުޖަހަންވެސް ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައިވެސް ވެއެވެ. އެހެން ނަމަވެސް އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ލިއްލޭއަށްވެސް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރަން ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.
ރޭގެ މި ނަތީޖާއާއެކު ކުޅުނު 11 މެޗުން 23 ޕޮއިންޓް ލިބިގެން ލީގުގެ ދެވަނައަށް އެޓީމުން ވަނީ ޖެހިލާފައެވެ. އެހެން ނަމަވެސް ޕީއެސްޖީ ދެވަނާގައި އޮތީ ތިންވަނާގައި 22 ޕޮއިންޓާއެކު އޮތް މޮނާކޯ އަށްވުރެ އެއްމެޗު ގިނައިން ކުޅެގެންނެވެ. މިރޭ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ޕީއެސްޖީއަށް ތާވަލުގެ ދެވަނަ ގެއްލޭނެއެވެ.
މޮނާކޯ އަދި ސެއިންޓް އެޓިއެން ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން 11 ޖަހާއިރުގައެވެ.