ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ގާނޫނު އަސާސީއާ ޚިލާފަށް މީހުން ހައްޔަރު ނުކުރޭ: ޕީޕީއެމް

ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނީ ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އިޝްތިހާރު Below Header ad

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔނާގައި ބުނީ ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އެ ކޯލިޝަނުން އަބަދު ވެސް ޤަބޫލުކުރާ ކަމަށެވެ. އަދި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

“އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތެއް އޮވެގެން.” ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.