
ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުން: މިހާރުވެސް ހިނގާ ކަމެއްތަ؟
މިހާރު ރާއްޖޭގައި އެންމެ ހޫނުކޮށް ވާހަކަ ދެކެވި ބަހުސް ކުރެވޭ އެއް މަޢުޟޫއަކީ ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ.
ރާއްޖޭގައި އަންހެން ކުދިން އަދިވެސް ޚިތާނު ކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނުމާއެކު މުޅި މީޑިއާއާއި އާންމުން އެކަމާ ބަހުސް ކުރަން ފެށިއެވެ. އެއްބަޔަކު ބުނަމުން ދިޔައީ އެއީ މިހާރު ރާއްޖޭގައި ހިނގާ މުހިއްމު ކަމަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް އެޗް.އާރް.ސީ.އެމް އިން ފެތުރި ވާހަކައެއް ކަމަށެވެ. އަނެއް ބަޔަކު އަންހެން ކުދިން ޚިތާނު ކުރުމުގެ ދީނީ ޙުކުމްތައް ބަޔާން ކޮށްދީ، އިސްލާމް ދީނުގައި އަންހެން ކުދިން ޚިތާނު ކުރުން އެއީ އެމީހުން އެބުނާ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން ނޫން ކަމަށް ވިސްނައިދޭން މަސައްކަތް ކުރި އިރު އެމީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި، އަދި އަންހެން ކުދިން ޚިތާނު ކުރުމަކީ ލާއިންސާނީ އަމަލެއް ކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކުރާ ބަޔަކުވެސް އެބަތިއްބެވެ. އަންހެނުންގެ ހައްޤުތަކަށް ގޮވާލައި ބަޔަކު އަޑު އުފުލި އިރު، އިސްލާމް ދީނުގެ ޙުކުމް ތަކަކީ ހަރުކަށި ޙުކުމް ތަކެއްކަން ދައްކައި، އެމީހުންގެ އަމިއްލަ އޭޖެންޑާއެއް ފަތުރަން އުޅުނު ބަޔަކުވެސް އުޅެއެވެ. އަދި ބައެއް އިލްމުވެރިން އެއީ ސުންނަތެއް ކަމަށް ބުނަމުންދާއިރު އެއީ އޮންނަ ކަމެއް ނޫން ކަމަށް ބުނާ އިލްމުވެރިންވެސް މަދެއް ނޫނެވެ.
މިމައްސަލަ އެންމެ ހޫނު ވެގެން ދިޔައީ ރާއްޖޭގައި ކޮންމެ 10 އަންހެން ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ ޚިތާނު ކޮށްފައި ކަމަށް ޔުނިސެފްގެ ރިޕޯޓަކާއި ހަވާލާދީ މީޑިއާތަކުން ބުނުމުންނެވެ.
ކޮންމެއަކަސް ރާއްޖޭގައި އަންހެން ކުދިން ޚިތާނު ކުރާކަމަށް ދެކެވޭ ވާހަކައަކީ މިހާރު ފޭސްބުކް، ޓްވިޓަރ އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ފަހުލަވާނުން އެންމެ ވަރުގަދައަށް ދެކެވޭ ވާހަކައެވެ. މިހާހިސާބުން ދެން އުފެދޭ ސުވާލަކީ، މިއީ މިހާރުވެސް ހަގީގަތުގައި ވެސް ހިނގާ ކަމެއްތޯއެވެ! ރާއްޖޭގައި ކޮންމެ 10 އަންހެން ކުދިންގެ ތެރެއިން 1 ކުއްޖަކު ވަނީ ޚިތާނު ކޮށްފައި ކަމަށް ނިންމީ ކޮން ގޮތަކަށް ބަލާފައިތޯއެވެ!
މިސުވާލުގެ ޖަވާބު ހޯދާލުމަށް އެބުނާ ޔުނިސެފްގެ ރިޕޯޓަށް ބަލާލަމާތޯއެވެ.
ޤައުމުގެ އެންމެންގެ ލޭ ކައްކުވާލި މިރިޕޯޓަކީ 2016 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓު ތައްޔާރު ކޮށްފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރައިގެ 7699 އަންހެނުންނާއި ކުރެވުނު ސާވޭއަކުންނެވެ. އެ ސާވޭގައި އެނގުނު ގޮތުގައި އެފަހަރު ސުވާލު ކުރި އަންހެނުންގެ ތެރެއިނ 996 އަންހެނުން ވަނީ އުމުރުން 5 އަހަރާއި 9 އަހަރާއި ދެމެދު (ނުވަތަ 5 އަހަރު ވުމުގެ ކުރިން) ޚިތާނު ކޮށްފައެވެ. ހިސާބު ކޮށްފައި ބަލައިލައިފި ނަމަ 996 އަކީ އެފަހަރު ސުވާލު ކުރި އަންހެނުންގެ 10 އިންސައްތައެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކެވެ.
ނަމަވެސް މިހާ ހިސާބުން “ރާއްޖޭގައި ކޮންމެ 10 އަންހެން ކުދިންގެ ތެރެއިން 1 ކުއްޖަކު ޚިތާނު ކޮށްފައި” ހުރި ކަމަށް ކަނޑައަޅައި، ދީނުގެ ޙުކުމްތަކަކީ ހަރުކަށި ހުކުމްތަކެއް ކަމަށް ނިންމާލެވޭކަށް ނެތެވެ. މިރިޕޯޓުގައި މީޑިއާތަކާއި އަދި ސޯޝަލް މީޑިއާގައި އަންހެނުންގެ ހައްޤުތައް ހޯދުމަށްޓަކައި ހަނގުރާމަ ކުރަމުންދާ ފަހުލަވާނުން ނުދައްކާ ވާހަކަތަކަށް ބަލާލަމާތޯއެވެ. އެއީ ކޮން ވާހަކަތަކެއް ތޯއެވެ!
- ޚިތާނު ކޮށްފައި ތިބި ކަމަށް ބުނި 996 އަންހެނުންގެ ތެރެއިން %66 އަންހެނުން ޚިތާނު ކޮށްފައި ވަނީ 1967 އާއި 1977 އާއި ދެމެދުއެވެ.
- ބާކީ ތިބި މީހުންގެ ތެރެއިން %33 ޚިތާނު ކޮށްފައި ވަނީ 1977 އާއި 1987 އާއި ދެމެދުއެވެ.
- އޭގެންވެސް ބާކީ ތިބި މީހުންގެ ތެރެއިން %12 އަންހެނުން ޚިތާނު ކޮށްފައި ވަނީ 1987 އާއި 1997 އާއި ދެމެދުއެވެ.
- 1997 އާއި 2007 ދެމެދު ޚިތާނު ކޮށްފައި ވަނީ %1 އަންހެނުންނެވެ. (ތިޔަ ފެނިވަޑައިގަތީ ރަނގަޅަށެވެ. ހަމަ އެންމެ %1 އެވެ)
ތަފާތު ފެނޭތޯއެވެ! މި ހިސާބު ތަކަށް ބަލާފައި، ރާއްޖޭގައި އަންހެނުން ޚިތާނު ކުރުމުގެ އާދަކާދަ ކަންބޮޑުވާ މިންވަރަށް އެބަ އޮތޭ ބުނެވޭނެ ޖާގަ އެބައޮތްތޯއެވެ؟ ހަޤީޤަތައް ވާހަކަ ދައްކާ ކޮންމެ މީހަކަށްވެސް އަންހެން ކުދިން ޚިތާނު ކުރުން އެއީ ރާއްޖޭގައި އުވި ގޮސްފައިވާ ކަމެއް ކަމުގައި ފެންނާނެއެވެ.
އެހެންނަމަވެސް ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރޭ ކަމަށް ކޮންމެހެން ވެސް ސާބިތުކޮށްދޭން ބޭނުންވާ ބަޔަކަށް، އަދި ހަރުކަށި ފިކުރު މިއީ ކޮންމެހެން ވެސް ނައްތާލަން ޖެހޭ އެއްޗެއްކަން ސާބިތު ކޮށްދޭން ބޭނުންވާ ބަޔަކަށް ރިޕޯޓްގައި ހަގީގަތުގައި ބުނެފައިވާ އެއްޗެއް ފެނުނަސް ޤަބޫލެއް ނުކުރާނެއެވެ. ޔުނިސްފްގެ ރިޕޯޓާއި ހަވާލާދީ އަންހެން ކުދިން ޚިތާނުކުރާ ކަމަށް ބުނެ މިފަހަރުވެސް ވާހަކަތައް ފެތުރުމުން އެވާހަކަތައް ޤަބޫލު ނުކުރާ އެތައް ބަޔަކުވެސް ތިއްބެވެ.
އެންމެ ހައިރާންވާ ކަމަކީ، ޔުނިސެފްގެ އެންމެ ފަހުގެ ސާވޭތަކުގައި 2010 އިން ފެށިގެން ރާއްޖޭގައި 14 އަހަރުން ދަށުގެ އަންހެން ކުއްޖަކު ޚިތާނު ކުރި ކަމުގެ އެއްވެސް ރެކޯޑެއް ޔުނިސެފްއިން ވެސް ހާމަ ކޮށްފައި ނުވާއިރު، އެވާހަކަތައް އެއްވެސް ބަޔަކު ނުދައްކަނީ ކީއްވެތޯއެވެ؟
Mee laadheenee bilah thaaeedhu hoadhan kohfaivaa kameh
ތެދެއްކަން ގަބޫލުކުރަން. އެއީ މިހާރު މާޒީވެ ގޮސްފައިވާކަމެއް. ބޭރު ނޮންމުސްލިމް ބަޔަކު އިސްލާމްދީން ބަދުނާމުކޮށް ދީނަށް ހުތުރު ނިސްބަތްކުރުމަށްކުރާ ނުބައި އެޖެންޑާގައި ދިވެހި ދަރިންތަކެއްވެސް ޖެހިފައި އެބަތިބި ހަގީގަތުގައި.