ޚަބަރު ފީތާ

އެޗްއާރްސީއެމް އިން ވެސް ބޭނުން ވަނީ ނަފްރަތުގެ އަމަލުގެ ބިލަށް އިސްލާހު ގެންނަން!

އެޗްއާރްސީއެމް އިން ވެސް ބޭނުން ވަނީ ނަފްރަތުގެ އަމަލުގެ ބިލަށް އިސްލާހު ގެންނަން ކަމަށާއި ގެންނަން ބޭނުންވާ އިސްލާހުތައް ނުވަތަ ޚިޔާޅުތައް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އދގެ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހަވާލާދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ބިލަށް އިސްލާހު ހުށަހެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ރާއްޖެ ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އަދި އެ މުއާހަދާތަކަ ގުޅިގެން ހަދާފައިވާ އ.ދ.ގެ މިންގަނޑުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމުން ބުނީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ މުއާހަދާގައި، ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފުރަތާއި ފަސާދަ އުފެއްދުމާއި، ނަފުރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ގާނޫނުން މަނާކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު، އެ މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ‘ކެމްޑެން ޕްރިންސިޕްލްސް’ އާއި އދގެ ‘ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް’ ގައި ބުނާ މިންގަނޑުތަކަށް، ނަފުރަތުގެ ކުށަކަށް ހަދާ އަމަލުގެ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފުރަތުގެ އަމަލުތައް މަނާކުރުމަ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ ‘ރަބާތް ޕްލޭން އޮފް އެކްޝަން’ގައި ހިމެނޭ ‘6 ޕާޓް ތްރެޝްހޯލްޑް ޓެސްޓް’ އާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އަމަލަކީ ނަފުރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، އެ މިންގަނޑުތައް ބޭނުންކުރުމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ލަފާދީފަ އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

Like
Like Love Haha Wow Sad Angry