
ދިވެހިރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވައިފި
ޖަރުމަނުގައި ހުޅުވި ރާއްޖޭގެ ފުރަތަމަ އެމްބަސީ ހުޅުވައިދެއްވުމަށް ފަހު ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވީ ޖަރުމަނުގައި މި ހުޅުވި އެމްބަސީގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
އަދި މިއީ ހަމައެކަނި ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ގުޅުން ބަދަހިވުން ނޫން ކަމަށާއި މި އެމްބަސީގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވެސް މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޢާޞިމު ވިދާޅުވީ ދެ ޤައުމުގެ ދާޚިލީ ގުޅުމަކީ ބައިނަލްއަޤުވާމީ ގޮތުން ވަރަށްވެސް ޚިޔާލު އެއްގޮތް ދެ ޤައުމު ކަމަށާއި ޚާއްޞަކޮށް މޫސުމީ ކަންކަމުގައި ދެ ޤައުމުގެ ޚިޔާލު ވަރަށް އެއްގޮތް ކަމަށެވެ.
ފަތުރުވެރިކަން ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިރު، ޖަރުމަނަކީ ޔޫރަޕުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްޤައުމުކަމަށް ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މި އެމްބަސީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިހާރަށް ވުރެ، ގިނައިން ޖަރުމަނުގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޖަރުމަނުގައި ރާއްޖޭގެ އެމްބަސީއެއް މި ހުޅުވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުގައިކަން ފާހަގަ ކުރެވެއެވެ.