ޚަބަރު ފީތާ

މިސްކިތްތަކުގެ ހުރުމަތް ދެހެއްޓުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ފޮޓޯ: އެމްއެންޑީއެފް

މިސްކިތްތަކުގެ ހުރުމަތް ދެހެއްޓުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މި މައްސަލަ ހުށަހެޅުއްވީ ކޮވިޑާ ގުޅިގެން ބައެއް މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާއި ހުރުމަތް ކެނޑޭފަދަ ވިޔާނުދާ، ދީނާއި ޚިލާފު އަމަލުތައް ހިންގަމުން ދާތީ އެވެ.

އޭނާ ވިދާޅުވީ މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުން ކުރުމުގެ އިތުރުން އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއެ ހެދުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

މިފަދަ ކަންކަމަކީ އިސްލާމީ މުޖުތަމައުއެއްގައި އެއްވެސް ގޮތަކަށް ހިނގިޔަދީގެން ނުވާނެ ކަންކަމަށް ވާތީއާ އެފަދަ ކަންކަމަކީ އިސްލާމީ ރިވެތި އުސޫލު ނެތިކޮށްލާފަދަ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައި ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

“މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެން ވާ ގަދަރު އުފުލިގެންވާ ﷲ ގެ ގެފުޅުމަކުގައި ވީ ހިނދު މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ އެތަނުގެ ރައްކާތެރިކަން އިތުރުކޮށް މިހާރަށްވުރެ ހަރުދަނާކޮށް މިސްކިތްތައް ބެލެހެއްޓުމަށް ގޮވާލަން.” އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ މި މައްސަލަ ހުށަހަޅުއްވާފައިވާ އިރު، މި މަހުގެ 23 ވީ ބުދަ ދުވަހު ވަނީ ހުޅުމާލޭ ވަގުތީ މިސްކިތްތެރޭގައި ޚިޔާލަށްވެސް ނުގެނެވޭފަދަ އަމަލެއް ހިންގާފަ އެވެ.

އެކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާ މަނާކުރައްވާފައި ވާ ބަސްމަގު ބޭނުންކޮށް މިސްކިތްތެރޭ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި މިސްކިތްތެރޭ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ސަގާފަތާ އާދަކާދައިގެ ތެރޭގައި އެއްގޮތަކަށްވެސް ނުހިމެނޭ ކަމެއްކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.

Like
Like Love Haha Wow Sad Angry