ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގެ އުސޫލު ގެޒެޓްކޮށްފި

ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގެ އުސޫލު ގެޒެޓްކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި އުސޫލެއް އެކުލަވާލުމަށް، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) އިން މި ކައުންސިލަށް ލާޒިމްކޮށްފައިވާތީ، އެ ކައުންސިލުން އެ އުސޫލު އެކުލަވާލައި ގެޒެޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާފަދައިން، ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއްގައި ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ނުވަތަ ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ޝާއިޢުކޮށްގެން ނުވާނެކަމުގައި އެ އުސޫލުގައި ވާނީ ހިމަނާފައެވެ.

ހަމަ މިބީދައިން، ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް ހާމަކުރުމާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި ޚާއްސަ އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ޒާތީ މައުލޫމާތު، މީޑިއާގައި ހާމަކުރުން އެ ޤާނޫނުގެ ދަށުން މަނާ ކަމަކަށްވާތީ، އުސޫލުގައި އެކަންވެސް ވާނީ ހިމަނާފަ އެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ޙައްޤަށް އުނިކަން އަންނާނެފަދައިން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ޢާންމުވިޔަނުދިނުމަށްވެސް މި އުސޫލުން ބާރު އަޅާފައިވާނެއެވެ. އަދި މިއީ، ޢާލަމީވަބާގެ ޙާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް “ޗިލްޑްރަންސް އޮމްބަޑްސްޕަރސަން” ގެ އޮފީހުން އާންމުކޮށްފައިވާ އިރުޝާދުނާމާއިންވެސް މި ކައުންސިލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

ނަމަވެސް، މި ބަޔާންކުރެވުނު ނުކުތާ ބައެއް މީޑިއާތަކަށް ފަހުމުވުމުގައި އޮޅުންއަރާފައިވާކަން، މި އުސޫލާ ގުޅިގެން މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ އެކި ޚަބަރުތަކުން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، އިސްވެދެންނެވުނު ފަދައިން މީޑިއާގައި ހާމަކުރުން މަނާވަނީ ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ނުވަތަ ދެނެގަނެވޭނެފަދަ އެކުއްޖާގެ ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް، ތަސްވީރެއް، ނުވަތަ އޯޑިއޯއެއް، ވީޑިއޯއެއް ހާމަކުރުމެވެ. އަދި ކުށްތަކާ ގުޅޭ ޚަބަރު ރިޕޯޓުކުރުމުގައި ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ނުވަތަ ދެނެގަނެވޭނެފަދަ މައުލޫމާތެއް ހާމަނުކޮށް، ނުވަތަ “އައިޑެންޓިޓީ” ހާމަނުކޮށް، އެފަދަ ކަންކަމާއި ގުޅޭ ޚަބަރާއި މައުލޫމާތު ހާމަކުރުމަށް ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި، މި އުސޫލުވެސް ހުރަހެއް ނާޅައެވެ.

އެހެންކަމުން މިކަން ނޫސްވެރިންނާއި މީޑިއާތަކުގެ ސަމާލުކަމަށް ގެންނަ ކަމަށް ވެސް އެމްއެމްސީ އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.