ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް އެފް) ޕޯޗުގަލް – ހަންގޭރީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރެއަކީ ބޮޑު ރެއެކެވެ. މުބާރާތުގެ މަރުގެ ގުރޫޕު ކަމުގައިވާ ގުރޫޕުް އެފްގެ މެޗުތައް ކުޅޭ ރެއެވެ. އެގޮތުން މިރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެފްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީއެވެ.

ހަންގޭރީގެ ބުޑަޕެސްޓް އެރީނާ ސްޓޭޑިއަމްގައި މި މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއީ 67215 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެއް ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ދުނިޔެއަށް ވެރިވެފައިވާ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން މި މެޗަށް ވެއްދުމަށް ހަމަޖެހިފައިވަނީ  50،000 ސަޕޯޓަރުންނެވެ.

މި މެޗާއި ކުރިމަތިލާއިރު ގިނަބައެއްގެ ކަޅި އެންމެ ބޮޑަށް އަމާޒުވާނެ އެއް ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރަނގަޅު ފޯމަކާއެކު ރޮނާލްޑޯ އޭނާ މި މުބާރާތާއި ކުރިމަތިލިއިރު މިއީ މި މުބާރާތުން އެންމެ މޮޅު ކުޅުން ދައްކާނެކަމަށް ބެލެވޭ ކުޅުންތެރިންތަކުގެ ތެރެއިން އެކަކެވެ. ރޮނާލްޑޯ އަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސް މެއެވެ. އަދި އެންމެ ފަހުން ނިމުނު ފުޓްބޯޅަ ސީޒަނުގައި އިޓާލިއަން ސެރިއޭގެ ޓޮޕް ސްކޯރާވެސް މެއެވެ. އެހެން ކަމުން މިރޭގެ މެޗަނީ ރޮނާލްޑޯގެ ފަރާތުން ތަފާތު ފެނިގެން ދާނެ މެޗެއްކަމުގައި ވަނީ ބެލެވިފައެވެ.

ހަންގޭރީ އަދި ޕޯޗުގަލް އަށް ބަލާއިރު ޕޯޗުގަލް އަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެގޮތުން މިހާތަނަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށިނެގުމުގެ އިތުރުން ޔޫއެފާއިން އެންމެ ފުރަތަމަ ބޭއްވި ނޭޝަންސް ލީގުގެ ތަށިވެސް ޕޯޗުގަލްއިން ވަނީ ނަގާފައެވެ. އެހެން ނަމަވެސް ހަންގޭރީ އަކީ ދުނިޔޭގެ ފެންވަރުގައިވެސް އަދި ޔޫރަޕްގެ ފެންވަރުގައިވެސް ފުޓްބޯޅައިން ބޮޑު ކާމިޔާބެއް ހޯދިފައި ނުވާގައުމެކެވެ.

ހަންގޭރީ އަދި ޕޯޗުގަލްގެ ތާރީޚީ ބައްދަލުކުރުންތައް

ހަންގޭރީ އަދި ޕޯޗުގަލް މީގެ ކުރިން 13 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އަށް ފަހަރު ޕޯޗުގަލް މޮޅުވެފައިވެއެވެ. ފަސް މެޗުން ވަނީ އެއްވަރުވެފައެވެ. ހަންގޭރީއަށް މިހާތަނަށް ޕޯޗުގަލްގެ މައްޗަށް ކުރި ހޯދިފައެއް ނެތެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ މެޗު 0-1 އިން ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލްއިންނެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ޕޯޗުގަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން މޮޅުވިއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ހަންގޭރީ ވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން މޮޅުވިއިރު، ދެ މެޗުން ވީއެއްވަރެވެ. ފަހުގެ ރެކޯޑުތަކަށްް ބަލާއިރު ދެޓީމުވެސް ހަމަހަމައެވެ.

ޕޯޗުގަލް އަދި ހަންގޭރީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރުއެވެ.

 

Like
Like Love Haha Wow Sad Angry