ޔޫރޯ 2020: ގުރޫޕް އޭ – އިޓަލީ – ތުރުކީ

ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޔޫއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތް މިރޭ ފެށޭއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިޓަލީއާއި ތުރުކީއެވެ. މި މެޗަށް ދެ ގައުމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމުގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. މިރޭގެ މި މެޗު ބެލުމަށް 15984 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ގުރޫޕް އޭގައި ހިމެނޭ އިޓަލީ އަދި ތުރުކީ މިރޭގެ މެޗަށް ނިކުންނައިރު، ދެޓީމުވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. މިފަހަރުގެ ޔޫރޯއަށް ކޮލިފައި ވުމުގައި ދެ ޓީމުންވެސް ނެރެފައިވާ ނަތީޖާތައް ރަނގަޅެވެ. އެހެން ކަމުން މިރޭގެ މެޗަކީ އެއްވެސް ޓީމަކަށް ނަތީޖާ ނެރުމަށް ފަސޭހަ މެޗަކަށް ނުވާނެއެވެ.

އިޝްތިހާރު Below Header ad

އިޓަލީ
އިޓަލީއަކީ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިޓަލީ އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ 1968 ވަނަ އަހަރުގައެވެ. އެފަހަރުގެ އެ މުބާރާތުގެ ތަށި އެގައުމުން އުފުލާލިއެވެ. މިއީ ޔޫރޯގައި އެގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.  އޭގެ ފަހުން އިޓަލީ ވާދަކޮށްފައިވަނީ 1980 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ މުބާރާތުގައެވެ. މި މުބާރާތުފެ ސެމީއަށް އެގައުމު ދަތުރުކުރިއެވެ. އޭގެ ފަހުން 1988 ވަނަ އަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް އިޓަލީ ދަތުރުކުރިއެވެ. ޔޫރޯ އަށް ގަވައިދުން އިޓަލީ ކޮލިފައިވާން ފެށީ 1996 ވަނަ އަހަރުގެ މުބާރާތުން ފެށިގެންނެވެ. އޭގެ ފަހުން ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް އިޓަލީ ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުން އިޓަލީ ކެޓީ ކުއާޓާ ފައިނަލާއި ހަމައިންނެވެ.

ކޮލިފައިވީ ގޮތް
ޔޫރޯ ކޮލިފައިންގެ ގުރޫޕް ޖީގައި ކުޅުނު ހުރިހާ މެޗެއް އިޓަލީން ކާމިޔާބު ކުރި އެވެ. އެގައުމު މިފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ކޮލިފައިންގެ ގުރޫޕްގެ އެއް ވަނަ އިޓަލީން ހޯދީ 12 ޕޮއިންޓްގެ ބޮޑު ތަފާތަކާ އެކު އެވެ. އިޓަލީން 30 ޕޮއިންޓް ހޯދިއިރު ގުރޫޕްގެ ދެ ވަނަ ހޯދި ފިންލެންޑް އަށް ލިބުނީ 18 ޕޮއިންޓެވެ.

ތުރުކީ
ތުރުކީ އެންމެ ފުރަތަމަ ޔޫރޯ މުބާރާތަކަށް ކޮލިފައިވީ 1996 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތަށް ތުރުކީ ކޮލިފައިވީ ނަމަވެސް އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ނަމަވެސް ޖެހިގެން އައި 2000 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ކުއާޓާ ފައިނަލަށް ތުރުކީ ދަތުރު ކުރިއެވެ. ދެން އެގައުމު ކޮލިފައިވި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ވެސް ސެމީ ފައިނަލަށް އެގައުމު ދަތުރު ކުރިއެވެ. ނަމަވެސް އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުން އެޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ޔޫރޯގައި ތުރުކީ އަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރުމެވެ.

ކޮލިފައިވީ ގޮތް
ތުރުކީ މިފަހަރު ޔޫރޯއަށް ކޮލިފައިއިރު އެގައުމު ހިމެނުނީ ކޮލިފައިން ގުރޫޕް އެޗްގައެވެ. ތުރުކީން ޔޫރޯއަށް ކޮލިފައިވީ މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގެ އެއްވަނަ ގައުމުގެ ގޮތުގައި ކޮލިފައިވި ފްރާންސްއާއި ތުރުކީގެ ވާދަވެރިކަން މި ގުރޫޕުގައި ބޮޑެވެ. އެގޮތުން ކޮލިފައިން ގުރޫޕުގެ އެއްވަނަ ފްރާންސްއަށް ލިބުނީ އެންމެ ދެ ޕޮއިންޓު ތަފާތުންނެވެ. ފްރާންސްއަށް 10 މެޗުން 25 ޕޮއިންޓް ލިބުނު އިރު، ތުރުކީއަށް 10 މެޗުން 23 ޕޮއިންޓް ލިބިފައިވެއެވެ. ތުރުކީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވިއެވެ. ދެ މެޗުން އެއްވަރުވި އިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ތުރުކީ އަދި އިޓަލީގެ ތާރީޚީ ބައްދަލުވުންތައް

ތުރުކީ އަދި އިޓަލީ ވަނީ މީގެ ކުރިން 11 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެއީ ވާދަވެރި 6 މެޗަކާއި އެކުވެރިކަމުގެ 5 މެޗުގައެވެ. މީގެން އެއްވެސް މެޗަކުން އިޓަލީގެ މައްޗަށް ތުރުކީއަށް ކުރި ހޯދިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އިޓަލީ އަދި ތުރުކީ ބައްދަލުކުރި މެޗުތަކުގެ ތަފްސީލް

1962 ޔޫރޯ ކޮލިފައިން: އިޓަލީ- ތުރުކީ 6-0
1963 ޔޫރޯ ކޮލިފައިން: ތުރުކީ- އިޓަލީ 0-1
1963 މެޑިޓެރެނިއަން ގޭމްސް: އިޓަލީ- ތުރުކީ 0-0
1973 ފީފާ ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ- ތުރުކީ 0-0
1973 ފީފާ ވޯލްޑް ކަޕް ކޮލިފައިން: ތުރުކީ- އިޓަލީ 0-1
1978 ފްރެއިންޑްލީ މެޗު: އިޓަލީ- ތުރުކީ 1-0
1984 ފްރެއިންޑްލީ މެޗް: ތުރުކީ- އިޓަލީ 1-2
1994 ފްރެއިންޑްލީ މެޗު: އިޓަލީ- ތުރުކީ 3-1
2000 ޔޫރޯ: އިޓަލީ- ތުރުކީ 2-1
2002 ފްރެއިންޑްލީ މެޗު: އިޓަލީ- ތުރުކީ 0-0
2006 ފްރެއިންޑްލީ މެޗު: ތުރުކީ- އިޓަލީ 0-0

ތުރުކީ އަދި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.