ޚަބަރު ފީތާ

ތޯލިބާނުން މިހާރު ހަމަލާދީ މަރަނީ ޕާކިސްތާނުގެ ޕޯލިއޯ ޓީމްތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން!

ޕާކިސްތާނުން ޕޯލިއޯ ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ގޮން ޖެހުންތައް ނިމުމަކަށް ނާންނަ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޕާކިސްތާނުގެ ފަގީރު އަވަށް ތަކާއި ބައެއް ބޮޑެތި ސިޓީތަކުގައި ޕޯލިއޯ ބަލި އަދިވެސް ހަލުވި ކަމާއި އެކު ފެތުރެވެ. އެކަމަކު ބަލި ކޮންޓްރޯލް ކުރުމަށް ހުރަސް އަޅަމުން ދަނީ ހަރުކަށި ތޯލިބާނުން ޖަމާއަތްތަކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރުވެސް ޕޯލިއޯ ވެކްސިން ދިނުމަށް ޕާކިސްތާނުގެ ސިއްހީ ދާއިރާގެ ޓީމުތައް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން އެ ޓީމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކޮންމެ ޓީމަކާއި އެކު ފުލުހުންގެ ދެ އޮފިސަރުން ހަރަކާތްތެރިވެ އެވެ.

މީގެ ކުރިން އެ ޓީމުތަކުގެ މެންބަރުން ކޭމްޕު ޖަހައިގެން މަގުމަތީގައި ވެކްސިން ދޭންތިއްބަ ތާލިބާނުން ވަރަށް ފާޅުކަން ބޮޑު ގޮތުގައި ގޮސް ބަޑިން ހަމަލާދީ އެ ފަދަ ޓީމުތަކާއި ގުޅިގެން އުޅޭ ސިއްހީ ހިދުމަތްތެރިން މަރާލާފައިވެ އެވެ. މިހާރު އެ ޓީމްތަކާއި އެކު ފުލުހުން ހަރަކާތްތެރިވާން ފެށުމުން ޖަމާއަތުގެ ޓާގެޓަކަށް ވެފައިވަނީ ފުލުހުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިއްޔެވެސް އެ ފަދަ ހާދިސާއެއް ހިނގާފައިވެ އެވެ.

ސައިކަލެެއްގައި ދިޔަ ދެމީހަކު އިއްޔެ ވަނީ ޕާކިސްތާނުގެ އިރު އުތުރުގެ މަރްދާން ޑިސްޓްރިކްޓުގައި ޕޯލިއޯ ވެކްސިން ދިނުމަށް ހަރަކާތްތެރިވި ޓީމެއްގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ދެ ފުލުހަކަށް ބަޑިން ހަމަލާދީފައި އެވެ. އޭގެ ތެރެއިން އެއް ފުލުހަކު ވަގުތުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕާކިސްތާނުން ޕޯލިއޯ ނައްތާލުމަށް ހިންގާ ގައުމީ ކެމްޕެއިންގެ ދަށުން ތިން މިލިއަން ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި 26،000 ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ތޯލިބާނުން މިހާރު ހަމަލާދީ މަރަނީ ޕާކިސްތާނުގެ ޕޯލިއޯ ޓީމްތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.