
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ކާލޮސް އަލްބާޓޯ އުމުރުން 72 އަހަރުގައި މަރުވެއްޖެ
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ކާލޯ އަލްބާޓޯ އުމުރުން 72 އަހަރުގައި މަރުވެއްޖެއެވެ.
އުމުރުން 72 އަހަރުގައި އަލްބާޓޯ މަރުވިއިރު އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
1970 ވަނަ އަހަރު އިޓަލީއާ ދެކޮޅަށް ފައިނަލްގައި ކުޅެ ވޯލްޑްކަޕް ނެގި ބްރެޒިލް ޓީމުގެ ކެޕްޓަނަކީވެސް އަލްބާޓޯއެވެ. އަދި އެމެޗުގައި އޭނާ ލަނޑުވެސް ޖަހާފައިވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ޖުމްލަ 53 މެޗު އަލްބާޓޯ ކުޅެދިންއިރު އޭނާވަނީ އެޓީމަށް 8 ގޯލްވެސް ޖަހައިދީފައެވެ. އަދި މީގެއިތުރުން 2004 ވަނަ އަހަރު ފީފާއިން އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރޭގައި ވެސް، އަލްބާޓޯ ވަނީ ހިމެނިފައެވެ.

ކްލަބް ފެންވަރުގައި ފްލުމިނެންސޭ އާއި ސަންޓޯސް އަދި ނިއުޔޯކް ކޮސްމޮސްއަށް އަލްބާޓޯ ކުޅެފައިވާއިރު އޭނާ ވަނީ ކުލަބު ލެވެލްގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.
1985 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ހަރަކާތްތެރިވީ ކޯޗެއްގެ ގޮތުގައެވެ. އެގޮތުން ގާތް ގަނޑަކަށް 20 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ކޯޗިންގެ ދާއިރާގައި ހަރަކާތްތެރިވެފައިވެއެވެ.

އޭނާ ކޯޗިން ކެރިއަރު ހުއްޓާލީ 2005 ވަނަ އަހަރު އަޒަރްބައިޖާންގެ ގައުމީ ޓީމުގައި ކޯޗުކަން ކުރުމަށް ފަހުގައެވެ.



