
ހާލު ދެރަވި މީހަކު ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިވެއްޖެ
ސ. ގަން ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން އަވަސްފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފް އިން ބުނީ “މީރާ” ނަމަކަށް ކިޔާ ދޯނީގައި ހުރި އެމީހާ ހާޅު ދެރަވީ އިނގިއްޔަކަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:18 ހާއިރު ކަމަށާއި އޭރު އެ ދޯނި އޮތީ ސ. ގަމުގެ ދެކުނުން 10 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ބުންޏެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް، ބަލި މީހާ ދޯނިން ނަގައިގެން މިއަދު ހެނދުނު 09:20 ހާއިރު ސ. ފޭދޫއަށް ގެންގޮސްދީފައިވާ ކަމަށާއި އެ މީހާއަށް އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.