
ވެމްކޯގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދީފި
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ވެމްކޯ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި 50،000 ރުފިޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާ ހަވާލުކޮށްފި އެވެ.
މިފައިސާގެ އެހީ އަކީ ވެމްކޯގެ ހުރިހާ ސައިޓްތަކެއްގައި ފަންޑު ފޮށިތައް ބަހައްޓައިގެން ހޯދި ފައިސާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިއެހީ ވެމްކޯގެ ފަރާތުން ރައްދުކޮށްދެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޙައްމަދެެވެ.
ފަލަސްޠީނަށް އެހީވުމުގެގޮތުން ރާއްޖެއިން ވެސް ގިނަބަޔަކު އަންނަީ އެހީވަމުން ނެވެ.
މީގެއިތުރުން ދިވެހިން ތިބީ ފަލަސްޠީނާއެކުގައި ކަން އަންގައިދިނުމަށް ތަފާތު އެކި ހަރަކާތްތައް ވެސް އަންނަނީ ރާވާ، ހިންގަމުން ނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ވެސް ރެޔާއި ދުވާލު މީސްމީޑިޔާގެއެކި ޕްލެޓްފޯމުތަކުގައި ފަލަސްޠީނު މިނިވަން ކުރުމަށް އަންނަނީ ގޮވާލަމުން ނެވެ.
މީގެ ކުރިން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ހިންގި މިފަދަ ހަރަކާތްތަކުގައި ދިވެހިން ދިން ފައިސާގެ އެހީގައި ވަނީ ރޯދަ މަހު ސީރިއާ އާއި ފަލަސްތީންގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުންނަށް ކާބޯތަކެތީގެ އެހީ ފޮނުވާފަ އެވެ. އޭގެތެރޭގައި ބައެއް ފަހަރު އަންނައުނުވެސް ފޮނުވާފައިވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ރާއްޖެ މިއޮތީ ފަލަސްޠީނާއެކުގައި ކަމަށް ބުނެފައެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާއްޖެ ފަލަސްތީން އާއި އެކު އޮތްކަން ސޯޝަލް މީޑާގައި ހާމަކޮށް ގައްޒާގައި އިޒްރާއީލުން ދެމުންދާ ލައިންސާނީ އަނިޔާތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ވެމްކޯގެ @WAMCOmv މުވައްޒަފުންގެ އިސްނެގުމާއިއެކު ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހަދިޔާކުރެއްވި ފައިސާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރާއި ހެޔޮދުޢާ ރައްދުކޮށްދެން. https://t.co/sHVvP4PCa8
— International Aid Campaign (@IACMaldives) June 6, 2021