ޚަބަރު ފީތާ

ޔޫއެފާ ޔޫރޯ ޓްރޮފީ

ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެވޭ ޓްރޮފީ ނިސްބަތް ވަނީ އެ މުބާރާތް ބޭއްވުމުގެ ޚީޔާލު އެންމެ ފުރަތަމަ އުފަންކުރުވި، އަދި ސްވިޓްޒަލޭންޑްގެ ބާސެލްގައި 1954 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް، “ޔޫއެފާ”ގެ ނަމުގައި އުފަންވި، ވިލާތު ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާތަކުގެ ގުޅުމުގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެހުނު ފްރާންސްގެ އޮންރީ ޑިލޯނޭއަށެވެ.

ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ޚިޔާލު ޑިލޯނޭ އުފަންކުރުވި ނަމަވެސް، 1960 ވަނަ އަހަރު އެ މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވުމުގެ ފަސް އަހަރު ކުރީން ޑިލޯނޭ ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ފަހުން ހެންރީ ޑިލޯނޭގެ މަގާމު ފުރަމުން އައީ އޭނާގެ ދަރިފުޅު ޕިއެރެ ޑިލޯނޭއެވެ. އެގޮތުން މި ޓްރޮފީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޑިލޯނޭގެ ފިރިހެން ދަރިފުޅު ޕިއެރެ ޑިލޯނޭއެވެ. އޭނާ އަކީ ޔޫއެފާ ދެވަނަ ސެކްރެޓަރީއެވެ.

ކުރިން ބޭނުން ކުރަމުން އައި މި ޓްރޮފީއަށް ޒަމާނީ ބަދަލުތަކެއް ނެގެސް އަލުން މޮޑެލްކޮށް ބަދަލުތަކެއް ގެނެސްފައިވަނީ 2008 ވަނަ އަހަރު އޮސްޓްރިއާ-ސްވިޑެންގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ ބަދަލު ގެންނަން ޖެހުނީ ޔޫރަޕްގެ އެހެން ބޮޑެތި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރަޕިއަން ކަޕް ފަދަ މުބާރާތްތަކުގައި ދޭ ޓްރޮފީތައް ޔޫރޯ ޓްރޮފީއަށް ވުރެ ބޮޑުވެ ފެންވަރު ރަނގަޅުވުމުންނެވެ. އެހެންކަމުން އޮންރީ ޑިލޯނޭ ޓްރޮފީގެ ސައިޒު އިތުރަށް ބޮޑުކޮށް “ސްޓަރލިން ސިލްވަ” ބޭނުންކޮށްގެން މޮޑެލް ކުރިއެވެ. އެ ބަދަލާއެކު ޔޫރޯ ޓްރޮފީގެ ބަރުދަނުގައި 8 ކިލޯގްރާމްގެ ބަރުދަނެއް ހުރިއިރު، އުސްމިނުގައި 24 އިންޗި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން އެ ޓްރޮފީ ހުރި ސައިޒަށްވުރެ ހަތް އިންޗި ދިގު، އަދި 1 ޕައުންޑް ބަރުވެގެން ދިޔައެވެ.

މީގެ އިތުރުން  އޮރިޖިނަލް ޓްރޮފީގެ ފުލަށްވެސް ބަދަލުތަކެއް ގެނައެވެ. އެގޮތުން ސަންގުމަރުމަރު ހިލައިން ހަދާފައިއިން ފޫ ނެގުމަށްފަހު އޭގެ ބަދަލުގައި ރިހިން ތައްޔާރުކޮށްފައި ވާ ފުލެއް ހަރުކުރިއެވެ. އަދި ޓްރޮފީގެ ފުލުގެ އަރިމަތީގައި ކޮންމެ ފަހަރަކުވެސް މުބާރާތް ކާމިޔާބުކުރާ ގައުމުގެ ނަން ކަނޑައިނަގާ ޖަހާގޮތަށް ހެދުނެވެ.

Like
Like Love Haha Wow Sad Angry