
ގޯލްޑެން ބޯއި އެވޯޑް ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރ ރެނާޓޯ ސަންޗޭސް އަށް
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ތަރި ރެނާޓޯ ސަންޗޭސް ޔޫރަޕިއަން ގޯލްޑެން ބޯއި އެވޯޑް ހާސިލްކޮށްފި އެވެ.
އޭނާ މި އެވޯޑް ހާސިލްކުރީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް ފަހަތަށް ޖައްސާލުމަށްފަހުގައެވެ.
ޔޫރަޕްގައި އެންމެ ނުފޫޒްގަދަ ނޫސްތަކުގެ ނޫސްވެރިންގެ ޕެނަލަކުން ވޯޓުލައިގެން ހޮވާ އެވޯޑު ރެނާޓޯ ސަންޗޭޒް އަށް ހަވާލުކުރާނީ ހޯމަ ދުވަހު މޮންޓަ ކާލޯގައި އޮންނަ ރަސްމީޔާތުގައެވެ.

އުމުރުން އެންމެ 19 އަހަރުގެ ރެނާޓޯ ސަންޗޭޒް މި އެވޯޑް ހޯދިއިރު މިދިޔަ އަހަރު މި އެވޯޑް ހާސިލްކޮށްފައިވަނީ ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ އެންތޮނީ މާޝިއާލް އެވެ.
ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ދޭ މި އެވޯޑް މީގެކުރިން ޔުނައިޓެޑްގެ ލެޖެންޑު ވޭން ރޫނީ، އިޓަލީގެ މާރިއޯ ބަލޮޓެލީ، ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ އަދި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވަނީ ހާސިލް ކޮށްފަ އެވެ.
ބެންފީކާ އިން ފުޓްބޯޅަ ކެރިއަރު ފެށި ރެނާޓޯ ސަންޗޭސް ވަނީ އެޓީމުގެ ޖާޒީގައި އޭނާ ކުޅެދިން 34 މެޗުގައި 4 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ބެންފީކާއިން އޭނާ ބަދަލުވީ ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 8 މެޗު ކުޅެދީފަ އެވެ.
އެންމެ ފަހުން ފްރާންސްގައި ބޭއްވުނު ޔޫރޯ ފުޓުބޯޅަ މުބާރާތް ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނުމުގައި ރެނާޓޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ.



