
ފައިނަލްގައި ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓް ދިވެހި ޕްރިމިއާ ލީގަށް.
ޒެފްރޯލް ގެ މައްޗަށް 2-5 ގެ ނަތީޖައިން ކުރިހޯދާ ދެ ވަނަ ޑިވީޝަންގެ ޗެމްޕިއަންކަން ހޯދުމާއި އެކު ކުލަބު ގްރީން ސްޓްރީޓް ފުރަތަމަ އުރީދޫ ދިވެހި ޕްރިމިއާލީގުން ޖާގަ ލިބިއްޖެއެވެ.
ކުލަބު ގްރީން ސްޓްރީޓް އަށް ޕްރިމިއާ ލީގުން ޖާގަ ލިބުމާއެކު އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި އެޓީމު ވާދަ ކުރާނެއެވެ.
ކުލަބު ގްރީން ސްޓްރީޓް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ އެ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.
ރޭގައި ރަސްމީ ސްޓޭޑިއަމްގައި ކުޅުނު ދެވަ ޑިޝަންގެ ފައިނަލް މެޗުގައި ކުލަބު ގްރީން ސްޓްރީޓް ގެ ފަަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ މެޗްގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒެފްރޯލްއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖަންޖުސް މިލްޑްރޯޑެވެ.
ގްރީންސްޓްރީޓުން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 30 ވަނަ މިނެޓުގައި އިސްމާއިލް ޝިޔާހް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޒެފްރޯލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގައިދިނީ ވެސް ފުރަތަނަ ލަނޑުވެސް ޖެހި ޖަންޖުސް މިލްޑްރޯޑެވެ. އޭނާ މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 47 ވަނަ މިނެޓްގަ އެވެ.
ގްރީން ސްޓްރީޓަށް މެޗުގެ ދެވަނަ ލަނޑުޖަހައިދީ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗްގެ 69 ވަނަ މިނެޓް ގައި ޝިނާޒު ހިލްމީ އެވެ.
ގްރީން ސްޓްރީޓަށް ލީޑް ނަގައިދިން ލަނޑުވެސް މެޗްގެ 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޝިނާޒު ހިލްމީއެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިފްޝާންއެވެ.
ފަސް ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ރިޒުވާން އެވެ.
މި މެޗުން މޮޅުވުމާއި އެކު ގްރީން ސްޓްރީޓަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިގެން ދިޔައިރު އެޓީމުއަތުން ބަލިވި ޒެފްރޯލްއަށް ވެސް ފުރަތަމަ ޑިވިޝަނުން ޖާގަހޯދުމުގެ ފުރުސަތު އަދި އެބައިތެވެ. އެއީ ޕްލޭއޮފް ކުޅެގެންނެވެ. އެޓީމު ޕްލޭއިފް ކުޅެންޖެހޭނީ ދިވެހި ޕްރިމިއާ ލީގުން ރެލިގޭޓްވި ވިކްޓްރީއާ ދެކޮޅަށެވެ.
ޕްލޭއޮފްގެ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ދެ ވަނަ މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.
މި މެޗާއެކު ދެވަނަ ޑިވިޝަންގެ ކުޅުން ނިމިގެންދިޔައިރު މި މުބާރާތުގައި އެކި ވަނަވަނަ އަށް ހޮވުނު ފަރާތްތަކުގެ ނަންތައް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވާލިދު އިދުރީސް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމަން މަންސާރީއެވެ.



