ފްލެޓް ލިބުނު ފަރާތްތަކުން ތައްޔާރުކުރި ޕެޓިޝަން ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅައިފި

ފްލެޓް ލިބުނު ފަރާތްތަކުން ތައްޔާރުކުރި ޕެޓިޝަން ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އިސްނަގައިގެން އެފަރާތުގެ ކަންބޮޑުވުންތައް ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ 21 ގަ އެެވެ. އަދި ޕެޓިޝަނުގެ މަސައްކަތް ނިންމާ ފްލެޓް ލިބުނު 2177 ފަރާތުގެ ސޮޔާއިއެކު ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ.

އިޝްތިހާރު Below Header ad

މިކަމުަގއި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން އެޓޯލްނިއުސްއަށް ބުނީ ސޮއި ކުރުމުގައި ދިމާވި އެއްމެ ބޮޑު ގޮންޖެހުމަކީ ކޮވިޑާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި، ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކެއް ކަރަންޓީނުގައި ތިބުމާއި، އިންޓަރނެޓް ލިބުމުގައި ހުރި ދަތިކަން ކަމަށެވެ.

އެފަރާތުން ބުނީ ހިޔާ ފުލެޓު ލިބުނު ގިނަ ބައެއްގެ ދިގުދެމިގެން މިދާ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސް ދެއްވާތޯ ރަޢީސުލްޖުމްހޫރިއްޔާ އަދި ކަމާއިގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގެ އަސްލު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފްލެޓް ކޮމެޓީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އަދި މާލެސިޓީ ކައުންސިލަށް ވެސް މި ޕެޓިޝަންގެ ކޮޕީ ފޮނުވާފައިވާ ކަމަށް ބުންޏެވެ.

“މި ޕެޓިޝަނަކީ ދައުލަތުގެ ކަމާއި ގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން ދަންނަވާ އާދޭސްތަކެއްގެ މައްޗަށް ބިނާކޮށް ޖުމްލަ 5 ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް. މާޔޫސްވެ ގޮތް ހުސްވެފައިވާ ދިވެހީންތަކެއްގެ ވޭނީ އުދާސްތަކެއް. ހިޔާ ފުލެޓުތަކަށް ވަދެވޭނެ ކަމުގެ އިންތިޒާރުގައި ތިބޭތާ ތިންއަހަރު ފުރެން ގާތްވަމުން ދާއިރު، އެފަރާތްތަކުގެ މި ހިތްދަތި ދިގު އިންތިޒާރަށް އިތުރު ހިތްދަތިކަމެއް ގެނުވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިލާންޖެހިފައި މިވާ ދަތި އުނދަގޫ ހާލަތު.” އެފަރާތުން ބުންޏެވެ.

ކޮވިޑްގެ ހާސްކަމާއެކު ހިޔާ ފްލެޓް ލިބިފައިވާ އެތަކެއް އާޢިލާއެއް މިވަނީ ގޮތް ހުސްވެފައި ކަމަށާއި މާލީގޮތުން އާޢިލާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، ވަޒީފާތައް ގެއްލި ކުލިދެއްކޭނޭ ގޮތެއް ނެތި މަގުމަތިވެފައި ކަމަށް ވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ދަރިންގެ ތަޢުލީމާ މެދު ކުރަމުން އަންނަ ފޮނި އުންމީދުތައް ފުނޑުފުނޑުވެ، ހިތާ ދެކޮޅަށް ދަރިން ގޮވައިގެން ރަށްރަށަށް ބަދަލުވުމަށް ވެސް އެއްބަޔަކަށް މަޖުބޫރުވެފައިވާ މި ހާލަތުގައި އޮތް ހަމައެކަނި އުންމީދަކީ ހިޔާ ފުލެޓު ކަމަށް ވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.

ހަ ހާހަށް ވުރެ ގިނަ ޢާއިލާތަކުން ގާތްގަނޑަކަށް 35 ހާހެއްހާ ދިވެހީންގެ އަޑު ސަރުކާރުގެ ކަމާއިގުޅޭ ވުޒާރާތަކަށް އިއްވާފައިވާއިރު، އެފަރާތްތަކުގެ އެދުމަކީ އެފަރާތްތަކުގެ އާދޭސްތައް އައްސަވައި، މި ޕެޓިޝަންގައިވާ ކަންކަން ރަނގަޅު ނިޒާމެއްގެ ދަށުން އިންތިޒާމްކޮށްދެއްވުމެވެ. އަދި ދެންއިތުރަށް ލަސްނުވެ، ހިޔާ ފުލެޓުތަކުގައި އެފަރާތްތަކަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވައި، އެފަރާތްތަކުގެ މި ދިގުލައިގެންދާ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސް ދެއްވުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.