ޚަބަރު ފީތާ

ކޯވިޑްގެ ދެ ވަނަ ރާޅުގައި އިންޑިއާގެ 10 މިލިއަން މީހުންގެ ވަޒީފާ ގެއްލިފަވޭ

ކޯވިޑްގައި އިންޑިއާގެ 10 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވޭ --

ދުނިޔޭގައި އެންމެ ނުރައްކާތެރި ހާލަތުގައި އޮތް އިންޑިއާގައި ކޯވިޑާއި ހެދި މިވަގުތު ވަޒީފާނެތް 10، މިލިއަން މީހުން އެބަތިބި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑް ފެތުރެން ފެށުމުން އިންޑިއާއިން ވަނީ ގައުމު ލޮކްޑައުންކޮށް ވައިރަސް ފެތުރުން ކޮންޓްރޯލްް ކުރުމަށް މަސައްކަތްތަކެއް ކޮށްފައި އެވެ. ގައުމު އަލުން ހުޅުވާލުމާއި އެކު އާބާދީ ބޮޑު އިންޑިއާގައި މީހުންގެ ހަރަކާތްތެރިވުން އިތުރުވެ ބޮޑެތި ހަފްލާތަކާއި ހަރަކާތްތައް ބާއްވަން ފެށުމާއި އެކު ކޯވިޑްގެ ދެވަނަ ރާޅު ބިންދާލީ މި އަހަރުގެ ކުރީ ކޮޅު އެވެ.

ސެންޓާ ފޯ މޮނިޓަރިން އިންޑިއަން އިކޮނޮމީން (ސީއެމްއައިއީ) އިން ކޮށްފައިވާ ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ކޯވިޑްގެ ސަބަބުން 10، މިލިއަން އަދި މިދިޔަ އަހަރާއި އެކު އެއް ކްރޯޑް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި 97 ޕަސެންޓު ގޭބިސީތަކަށް ލިބެމުން އައި އާމްދަނީ މިދިޔަ އަހަރުން ފެށިގެން ދަށްވެފައިވާ ކަމަށެވެ.

މިހާރުވެސް ކޯވިޑް ކޮންޓްރޯލްް ކުރުމަށް ބޮޑެތި ސްޓޭޓްތައް ލޮކްޑައުންކޮށްފައިވާ އިންޑިއާގައި އެއް މަހުން އަނެއް މަހަށް ވަޒީފާ ނެތް މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އޭޕްރިމް މަހު ވަޒީފާ ނެތް މީހުންގެ އަދަދު އަށް ޕަސެންޓު ދަށްވެފައިވާއިރު މެއި މަހު އެ އަދަދު 12 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނިކޮށް ވަޒިފާ ނެތް މީހުންގެ އަދަދު ވަނީ 23 ޕަސެންޓަށް އިތުރުވެފަ އެވެ.

ސީއެމްއައިއީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ އިކޮނޮމީ ހުޅުވާލުމުން ވަޒީފާ ނެތް މީހުންގެ އަދަދަށް ބަދަލު އަންނަން ފަށާނެއެވެ. އެކަމަކު އިންޑިއާގައި އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ އާދައިގެ ރަސްމީ ނޫން މަސައްކަތްތައް ފެށޭނެ ގޮތެއް ކޯވިޑްގެ ސަބަބުން ނެތުމުން ވަޒީފާ ގެއްލިފައިވާ އާބާދީގެ ބޮޑު ބަޔަކަށް އަނބުރާ އެފަދަ ވަޒީފާތައް ލިބެން އަހަރަކަށްވުރެ ގިނަ ދުވަސް ނަގާނެ އެވެ.

އެ ދިރާސާގައި ބައިވެރިވި އާއިލާތަކުގެ ތެރެއިން ކޯވިޑާއި ގުޅިގެން އާންދަނީ އިތުރުވެފައިވާ ކަމަށް ބުނެފައިވަނީ އެންމެ ތިން ޕަސެންޓެވެ. 55 ޕަސެންޓު އާއިލާގެ އާމްދަނީ ކޯވިޑްގެ ސަބަބުން ދަށްވެދައިވާ ކަމަށް ބުނެފައިވާއިރު 42 ޕަސެންޓު މީހުން ބުނެފައިވަނީ ކުރިން ލިބެމުން ދިޔަ އާމްދަނީ މިހާރުވެސް ލިބެމުންދާ ކަމަށެވެ.

އެ ދިރާސާ ހަދާފައިވަނީ މި އަހަރާއި މިދިޔަ އަހަރު ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން 1.75 ލައްކަ ގޭގޭގައި ދިރިއުޅޭ މީހުން މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތުތަކަށް ބަލައިގެންނެވެ.

Like
Like Love Haha Wow Sad Angry