ޚަބަރު ފީތާ

އައްޑުސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރަންޖެހޭ ސަބަބުތައް ތަފްސީލުކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި

ފައިލް ފޮޓޯ

މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުންނަންޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް މިކޯލިޝަނަށް ޤަބޫލުކުރާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ ޢާންމު ގޮތެއްގައި ބޭރު ޤައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް ޤައުމުތަކުގެ ސަރުކާރުތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ޤައުމުގެ ދޭތެރޭ ކުރެވޭނެ ކަމަށެވެ. އަދި ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ޤައުމުގެ ރައްޔިތުން ގިނަ ޢަދަދަކަށް އޮފީސް ޤާއިމު ކުރެވޭ ސަރަޙައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ބެލެވިފައިވާ ކަމަށެވެ.

”އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ޤާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އިތުރު އެހެން ސަރަޙައްދެއްގައި އެޤައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާން ނެތް އިރު، މިފަދަ ޙައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން ޢަމަލު ކުރަމުން ގެންދާ ގޮތާ މެދު މިކޯލިޝަންގެ ކަންބޮޑުވުން ފާޅު ކުރަމެވެ.“ ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް، އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ވެސް އެ ކޯލިޝަނުން ޤަބޫލުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ، މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހުމާއި އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް ޢާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމުގައި ވެސް އެ ކޯލިޝަނުން ދެކޭކަމަށް ވަނީ ބުނެފަ އެވެ.

އެހެންކަމުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ޤާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައި ވެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.

އެއާއެކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް އެ ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.