
މަޖިލިސް ހަ މެންބަރުންނާއި އެކު ބައްސާމްގެ ޓީމް އިއުލާންކޮށްފި.
އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ވާދަކުރައްވާ މިހާރުވެސް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލްގެ އެގްޒެކެޓިވް ކޮމިޓީ ހޮވާ އެކޮމިޓީ ގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސާ އެ ކޮމިޓީގެ ނައިބަކަށް ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިއާ އައިޝަތު ނާޒިމާ ގެ އިތުރުން މަޖިލީހުގެ ހަ މެންބަރެއްގެ ނަން ހުށައަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި އައިޝަތު ނާޒިމާ ގެ އިތުރުން މި ކޮމިޓީގައި ހިމެނި ވަޑައިގަންނަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ އިތުރުން މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އެވެ.
އަންނަ މަހުގެ 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ބައްސާމުގެ އިތުރުން ދެން ވާދަކުރައްވަނީ ކުރިންވެސް އެފްއޭއެމްގެ ރައީސްކަމުގައި ހުރި އަހުމަދު ތޯރިގް (ޓޮމް) އެވެ.
ބައްސާމުގެ ޓީމު އިއުލާންކޮށްފައިވާއިރު ތޯރިގްގެ ޓީމް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދާދި އަވަހަށް ޓޮމްގެ ޓީމުވެސް އިއުލާން ކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



