ޚަބަރު ފީތާ

އިޒްރާއީލްގެ ސިއްރު ސިފައިން ފަލަސްތީންގެ ޒުވާނަކަށް ހަމަލާދީ މަރާލައިފި

ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން އިޒްރާއީލަށް ވަޑައިގަތުމުގެ ގަޑިއިރުތަކެއް ކުރިން، އިޒްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީންގެ ރާމަﷲ ގައި މިއަދު އިޒްރާއީލްގެ ސިއްރު ސިފައިންގެ ބަޔަކު ފަލަސްތީން ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އަލް އަމާރީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ފަލަސްތީންގެ ޒުވާނެއް ކަމަށްވާ އަޙްމަދު ޖަމީލް ފަޙްދްއަށް ބަޑިން ހަމަލާ ދީފައިވަނީ އުންމުލް ޝަރާޔިތުގައި ހަރަކާތްތެރިވާ މުސްތަޢްރިބީން ޔުނިޓުންނެވެ. ފަހްދް މަރުވެފައި ވަނީ އޭނާއަށް ބަޑިން ހަމަލާ ދިނުމުން، ފަރުވާ ދިނުމަށް އެސަރަހައްދަށް އެމްބިއުލަންސަށް އާދެވުމުގެ ކުރިންނެވެ.

އިޒްރާއީލްގެ ސިއްރު ސިފައިންނަކީ ފަލަސްތީން މީހުންނާއި އެއްގޮތަށް ހެދުން އަޅައިގެން، ފަލަސްތީން މީހުންނާއި އެއްބައިވެ، މަޢުލޫމާތު ހޯދުމަށާއި ޖާސޫސް ކުރުމުގެ ބޭނުމުގައި ފަލަސްތީން މީހުންނަށް ވެގެން އެމީހުންގެ އެއްވުންތަކުގައި ވެސް ބައިވެރިވާ ބައެކެވެ. މިފަދަ އެއްވުންތަކުގައި ސިއްރު ސިފައިންގެ އެހީތެރިކަމާއެކު އިޒްރާއީލަށް ފަލަސްތީންގެ މުސްލިމުން ހައްޔަރު ކުރުމަށާއި އަދި މަރާލަންވެސް ފަސޭހަވެގެންދެއެވެ.

ފަލަސްތީން ސިއްޙީ ވުޒާރާގެ ތަރުޖަމާން މީޑީއާއަށް މައުލޫމާތު ދެއްވަމުން ބުނެފައި ވަނީ، ފަޙްދަށް ބަޑީގެ އެތައް ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިޒްރާއީލްގެ ސެކިއުރިޓީ އޮފިޝަލެއް ބުނެފައި ވަނީ، ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާކަމަށް ޝައްކު ކުރެވޭ ބަޔަކު ރާމަﷲ ގައި ހައްޔަރު ކުރުމަށް މިއަދު ކުރެވުނު މަސައްކަތުގެ ތެރެއިން ޓެރަރިސްޓުންނަށް ވާގިވެރިވާ އެކަކަށް ބޯޑަރ ބަލަހައްޓާ ފުލުހުން ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

މި ޙަމަލާ ދީފައި މިވަނީ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް އަދި ފަލަސްތީނާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ފަލަސްތީނަށް އެހީތެރިވުމަށް ކަމަށް ބުނެ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން އެޤައުމަށް ވަޑައިގަތުމަށް ހަމަޖެފައި ވަނިކޮށެވެ. ބްލިންކަންގެ މި ދަތުރުގައި ފަލަސްތީންގެ ރައީސް މަޙްމޫދް އައްބާސްއާއި ބައްދަލު ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އިޒްރާއީލްގެ ސިއްރު ސިފައިން ފަލަސްތީންގެ ޒުވާނަކަށް ހަމަލާދީ މަރާލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.