“މާހްދީގެފާނު” ކަމަށް ދަޢުވާކޮށް ޙަރަމްފުޅުގައި ދޭން އުޅުނު ޙަމަލާއެއް ހުއްޓުވައިފި

މުގުރުބުރިއަކުން މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމްއަށް ޙަމަލާދޭން އުޅުނު މީހަކަށް ހުރަސް އަޅައި ހުއްޓުވައިފިއެވެ. ހުކުރު ދުވަހު ދޭން އުޅުނު ޙަމަލާ ހުއްޓުވާފައި ވަނީ ޙަރަމްގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރެކެވެ. އަދި ޙަމަލާ ދޭން އުޅުނު މަންޒަރު ޙަރަމްގެ ސެކިއުރިޓީ ކެމެރާ ތަކަށްވެސް ވަނީ އަރާފައެވެ.

މި މައްސަލަ ބަލަމުންދާ ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައި ވަނީ، މި ޙަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ 40 އަހަރުގެ ސައުދީ ފިރިހެނެއް ކަމަށާއި، އޭނާއަކީ “މަޙްދީގެފާނު” ކަމަށް ދަޢުވާ ކުރާކަމަށެވެ.

އިޝްތިހާރު Below Header ad

މި ޙަމަލާ ހުއްޓުވާފައި ވަނީ ޙަރަމް ބަލަހައްޓަމުންދާ ސެކިއުރިޓީ އޮފިސަރެއް ކަމަށްވާ މުޙައްމަދު އައްޒަޙްރާނީއެވެ. އޭނާ ޙަމަލާ ހުއްޓުވާފައި ވަނީ، ޙަރަމްގެ އިމާމް ޝައިޚް ބަންދާރް ބަލީލާ ހުކުރު ހުތުބާ ކިޔަމުން ދަނިކޮށް އިމާމަށް ޙަމަލާ ދިނުމަށް މުގުރުބުރި ހިފައިގެން މިމްބަރއާއި ދިމާއަށް ދުއްވައިގަތް ވަގުތު އޭނާއާއި ކުރިމަތިލައި، އޭނާ ބިންމައްޗަށް ވައްޓާލައިގެނެވެ. ޒަޙްރާނީ އޭނާ ހުއްޓުވުމަށް ކުރިމަތިލުމުން ހަރަމް ބަލަހައްޓާ އެހެން އޮފިސަރުންވެސް އެތަނަށް އައިސް އެމީހާ ވަނީ ސެކިއުރިޓީންގެ ބެލުމުގެ ދަށަށް ގެންގޮސް، މިސްކިތުން ބޭރަށް ނެރި ހައްޔަރު ކޮށްފައެވެ.

ޙަމަލާ ހުއްޓުވި އޮފިސަރއަށް ބަޘަލެއްގެ ލަޤަބު ދީ، އޭނާގެ ހިތްވަރަށް ސޯޝަލް މީޑިއާގައި ތަޢުރީފު ދަނީ އޮހެމުންނެވެ.

ފާއިތުވި މާރޗް މަހުގައި ވެސް ޙަރަމް ތެރޭގައި ވަޅިއެއް ހިފައިގެން ހަޑިހުތުރު ބަހުން ހަޅޭލަވަމުން މިސްކިތުގައި އުޅުނު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ ވަޅި ހިފައިގެން އެމީހާ ހަތަކާތްތެރިވާން ފެށުމުން އެވަގުތު އަޅުކަން ކުރުމަށް މިސްކިތުގައި ތިބި މީހުން ގޮނޑިން އެމީހާއަށް ޙަމަލާދީ، އާންމުންނާއި ސެކިއުރިޓީ އޮފިސަރުން އެއްވެގެންނެވެ.

މާޒީއަށް ބަލާލާއިރު ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު ވަނީ މަޙްދީގެފާނު ކަމަށް ދަޢުވާ ކޮށްފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ 1979 ވަނަ އަހަރުގެ ހާދިސާއެވެ. އެހާދިސާގައި، ޖުޙައިމަން އަލް އުޡައިބީއާއި އޭނާގެ ޅިޔަނު މުޙައްމަދު އަލް ޤަޙްތާނީއޭ ކިޔުނު ބަޔަކު މައްކާގެ ޙަރަމްފުޅަށް ވަދެ އެތައް ސަތޭކަ އަޅުވެރިންނެއް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަންދެން ވަނީ ރަހީނު ކޮށްފައެވެ. އަދި މުޙައްމަދު އަލް ޤަހްތާނީ ބުނެފައި ވަނީ، އޭނާއަކީ މަހްދީގެފާނު ކަމަށެވެ. ރަހީނު ކޮށްފައިވާ މީހުން އެފަހަރު ސަލާމަތްކުރީ އެކަމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޤަހްތާނީއާއި ފުލުހުންނާއި ދެމެދު ހަމަލާ ބަދަލުކޮށް، އެ ޙަމަލާތަކުގައި ޤަހްތާނީއާއި އޭނާގެ އެތައް ސަތޭކަ ބައިވެރިންނެއް މަރާލައިގެންނެވެ.

އެ ހަމަލާ ރޭވި ބޮޑެއް ކަމުގައިވާ ޖުހައިމަން ހައްޔަރުކޮށް، ފަހުން އޭނާއަށް ވަނީ މަރުގެ ޙުކުން ތަންފީޒު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.