ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް: ޕޯޗުގަލް

ޕޯޗުގަލް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1984 ވަނަ އަހަރުގަވެ. އެ އަހަރުގެ މުބާރާތުގައި ނޮކްއައުޓް ބުރަށް ޕޯޗުގަލް ދަތުރު ކުރިއިރު، އެޓީމު މުބާރާތުން ކެޓީ ފްރާންސްއަތުން ބަލިވެގެންނެވެ. މިހާތަނަށް ޔޫރޯގެ 8 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، ޕޯޗުގަލްގެ ނަތީޖާތަށް މާ ގޯހެކޭ ނުދެންނެވޭނެއެވެ. މިހާތަނަށް ޔޫރޯގެ 8 މުބާރާތެއްގައި ޕޯޗުގަލް ވާދަކޮށްފައިވާއިރު، މި ހުރިޙަ މުބާރާތެއްގައިވެސް ގުރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފައިވެއެވެ. އެގޮތުން ދެ ސެމީފައިނަލް އާއި ދެ ފައިނަލް ކުޅެފައިވެއެވެ. އޭގެތެރެއިން އެންމެ ފަހުން ފްރާންސްގައި ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ޕޯޗުގަލް ވަނީ ހޯދާފައެވެ. ޕޯޗުގަލް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ކޮލިފައިވި ގޮތް

ޕޯޗުގަލް މި ފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެކަމަކު ޕޯޗުގަލްއާ މި ގުރޫޕްގެ އެއްވަނާގައޮ އޮތް ޔޫކްރެއިންއާއި ވަރަށް ގާތުން ވާދަކުރި އެވެ. ޕޯޗުގަލް މުބާރާތަށް ކޮލިފައިވީ ފަހު މެޗުގައި މި ގުރޫޕުގެ އެއްވަނާގައި އޮތް ޔޫކްރެއިންނާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވެ އެޓީމު ލަގްޒެމްބާގު އަތުން 2-0 އިން މޮޅުވެގެނެވެ. ޕޯޗުގަލް ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން، ފަސް މެޗުން މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ކޯޗު

ފެނާންޑޯ ސަންތޯސް އަކީ މިހާރު ވެސް އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލް އިން 2016 ގެ ޔޫރޯ ކާމިޔާބުކުރީ ސަންތޯސްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ޕޯޗުގަލް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ސަންތޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014 ގެ ވޯލްޑް ކަޕްގައި އެ ޓީމުން ނެރުނު ދަށް ނަތީޖާތަކާ އެކު، ޕައުލޯ ބެންޓޯ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން ސަންތޯސް ވަނީ ޕޯޗުގަލް އާއި ގްރީސްގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ އެންމެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބެންފީކާ އާއި ޕޯޓޯ އަދި ސްޕޯޓިން ލިސްބަން ހިމެނެ އެވ. ގްރީސްގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ.

މުހިންމު ކުޅުންތެރިން

ކްރިސްޓިއާނޯ ރޮނާލްޑޯ: ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަކީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ. ގައުމީ ޓީމާ އެކު ކާމިޔާބަކަށް ރޮނާލްޑޯ ކުރި އުންމީދު 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަމާ އެކު ހާސިލްވިއެވެ. ކްލަބު ފުޓްބޯޅައިގައި އަދި އަމިއްލަ ގޮތުން ރޮނާލްޑޯ އަށް މިހާރު ނުލިބޭ ކާމިޔާބެއް ނެތެވެ. އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓާއި މެޑެއްޔެވެ. މިފަހަރުގެ މުބާރާތުގައި ވެސް އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

ޕެޕޭ: ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެޕޭ އަކީ ޕޯޗުގަލްގެ ޓީމުގެ ޑިފެންސް ލައިންގެ މައި ތަނބެވެ. އުމުރުން 38 އަހަރު ވެފައިވާ ޕެޕޭ އުފަންވީ ބްރެޒިލްއަށެވެ. އެކަމަކު އުމުރުން 18 އަހަރުގައި ޕޯޗުގަލްގެ ކްލަބު ފުޓްބޯޅަ އަށް ބަދަލުވި ގޮތަށް، އޭނާ ވަނީ އެ ގައުމުގެ ރައްޔިތަކަށް ވެފަ އެވެ. ފިޒިކަލް ގޭމެއް ކުޅޭ ޕެޕޭ ބޮޑަށް ވިދާލީ ޕޯޓޯގަ އެވެ. އެއަށް ފަހު، 2007 ގައި ރެއާލް މެޑްރިޑަށް ބަދަލުވެ، އެ ކްލަބުގައި ކާމިޔާބު 10 އަހަރު ހޭދަކުރި އެވެ. ޕެޕޭ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ގަ އެވެ. ޕޯޗުގަލް އިން 2016 ގެ ޔޫރޯ ކާމިޔާބުކުރިއިރު، އޭގައި އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ. ޕޯޗުގަލްގެ ޓީމަށް ދެ ވޯލްޑް ކަޕާއި، ތިން ޔޫރޯ މުބާރާތުގައި ޕެޕޭ ކުޅެފައިވެ އެވެ.

ބެނާޑޯ ސިލްވާ: ޕޯޗުގަލް އަކީ އަބަދުވެސް މޮޅެތި ޕްލޭމޭކަރުން އުފައްދާ ގައުމެކެވެ. މީގެ ކުރިން ޕޯޗުގަލްގެ ޓީމުން ވިދާލި ރުއި ކޮސްޓާ އާއި ޑެކޯ އަކީ ދުނިޔޭގެ ފެންވަރުގެ ޕްލޭމޭކަރުންނެވެ. މިހާރު އެ ކުޅުންތެރިންގެ ފިޔަވަޅު މަތީގައި، ޕޯޗުގަލް ޓީމުގެ ކްރިއޭޓިވް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައި ވަނީ މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. މިއީ ސިލްވާ ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޔޫރޯ 2016ގައި ޕޯޗުގަލްގެ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. އެހެންކަމުން މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފެންވަރު ދައްކާލަން އޭނާ އަށް ލިބޭ ފުރަތަމަ ފުުރުސަތެވެ.

ޖާއޯފެލިކްސް: މިއީ ޕޯޗުގަލް ސްކޮޑުގައި މިފަހަރު ހިމެނުނު އެންމެ ޒުވާން އެއް ފޯވާޑެވެ. ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެލިކްސް ވަނީ މިފަހަރުގެ ލީގު ޗެމްޕިއަން ކަން ހޯދުމުގައި އެތްލެޓިކޯއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މިއީ ޕޯޗުގަލްގެ ގައުމީޓިމުގައި ހިމެނިގެން އޭނާ ކުޅޭ ފުރަމަ ބޮޑު މުބާރާތެވެ.2019 ވަނަ އަހަރު ޕޯޗުގަލްގެ ސީނިއާ ގައުމީޓީމަށް ކުޅެން ފެށި ޖާއޯ ފެލިކްސް މިހާތަނަށް ގައުމީޓީމުގެ ޖާޒީގައި 16 މެޗު ކުޅެދީ3 ގޯލް ޖަހައިދީފައި ވެއެވެ.

މީގެ އިތުރުން ވެސް ޔޫރަޕުގެ ނަން މަޝްޙޫރު ބޮޑެތި ކުލަބުތަކަށް ކުޅޭ ގިނަ ތަރީންތަކެއް ޕޯޗުގަލްގެ މިފަހަރުގެ ޔޫރޯއަށް ނެގި ސްކޮޑްގައި ހިމެނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޑިފެންޑަރ ރުބެން ޑިއާސް، ޖާއޯ ކާންސެލޯ، މެންޗެސްޓާ ޔނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭސްގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ ޑިއޭގޯ ޖޮޓާ ފަދަ ކުޅުންތެރިން ފާހަގަކޮށްލަން ޖެހެއެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް އެފްގައި ފޭވަރިޓުންނަކީ ފްރާންސް އާއި ޕޯޗުގަލް އެވެ. މި ގުރޫޕްގައި ދެން އޮތީ ޖަރުމަން އާއި ހަންގޭރީއެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބުން އުނދަގުވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލްކުރެ އެވެ. އެހެނީ ޖަރުމަނާއި އާއި ފްރާންސް އަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން ޕޯޗުގަލް އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ގްރޫޕް އެފް:

ޕޯޗުގަލް، ފްރާންސް، ހަންގޭރީ، ޖާމަނީ

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ މެޗުތައް:

  • 15 ޖޫން، ޕޯޗުގަލް – ހަންގޭރީ
  • 19 ޖޫން، ޕޯޗުގަލް – ޖަރުމަން
  • 23 ޖޫން، ޕޯޗުގަލް – ފްރާންސް

Like
Like Love Haha Wow Sad Angry