
ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އެއްވުން ބޭއްވުމުން ބްރެޒިލްގެ ރައީސް ޖޫރިމަނާކޮށްފި
ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އެއްވުން ބޭއްވުމުން ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ޖޫރިމަނާކޮށްފި އެވެ.
ބްރެޒިލްގެ ސިއްހަތާއިބެހޭ ވުޒާރާ އާހަވާލާދީ ބްރެޒިލްގެ މަރަންޔާއޯ ސްޓޭޓުގެ ގަވަރުނަރު ފްލާވިއޯ ޑީނޯ ވިދާޅުވީ ބޮލްސޮނާރޯއާ ޖޫރިމަނާ ކުރީ ކޮވިޑާ ގުޅުން ހުރި ފިޔަވަޅުތަކާ ޚިލާފަށް އެ ސްޓޭޓުގައި އެއްވުމެއް ބޭއްވުމުން ކަމަށެވެ.
މީގެ އިތުރުން އެއްވުންތައް ބޭއްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މަރަންޔާއޯގައި އެއްވުންތައް ބާއްވަން ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
”އެއްވެސް މީހަކު ގާނޫނާ ޚިލަފުވެގެން ނުވާނެ. އެއީ ރައީސް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް ގާނޫނާއި ގަވާއިދަށް އިހްތިރާމު ކުރަން ޖެހޭނެ.“ ފްލާވިއޯ ޑީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޫރިމަނާ އިސްތިއުނާފަށް ހުށަހެޅުމަށް ރައީސް އޮފީހަށް 15 ދުވަސް ލިބޭނެ ކަމަށާއި ބޮލްސޮނާރޯ ޖޫރިމަނާ ކުރާނެ އަދަދު ކަނޑައަޅާނީ އެއަށް ފަހު ކަމަށެވެ.
މިދިޔަ މަހު ބްރެޒިލްގެ ސެނެޓުން ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ބޮލްސޮނާރޯގެ ސަރުކާރުން އަމަލު ކުރި ގޮތުގެ ތަހުގީގެއް ފަށާފަ އެވެ. އަދި އެ ތަހުގީގުގައި ސެނެޓަރަކު ވަނީ ރައީސް އެއްވެސް އިރެއްގައި ވެކްސިން ގަންނަން ބޭނުންފުޅު ނުވާ ކަމަށާއި އޭނާގެ އަމާޒަކަށްވީ ހާޑް އިމިއުނިޓީއަށް ވާސިލުވުން ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާގެ ސައިނޯވެކް އާއި އިނގިރޭސިވިލާތުގެ އެސްޓްރާޒެނެކާ ވެކްސިނަށް ބްރެޒިލުން ވަނީ މިދިޔަ ޖެނުއަރީ މަހު ހުއްދަ ދީފަ އެވެ.
ނަމަވެސް އެގައުމުގެ 211 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 18 ޕަސެންޓު މީހުންނަށެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހާފައި ވަނީ 8.6 ޕަސެންޓަށެވެ.
އެގައުމުގައި މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، މިބަލީގައި 446،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.



