ޔޫރޯ 2020 ގައި ބޭނުންކުރާ ބޯޅަ ”ދަ ޔުނިފޯރިއާ“
ދުނިޔޭގެ މަތީފަންތީގެ ފުޓްބޯޅަ މުބާރާތްތަކަށް އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލީ ބޭނުންކޮށްގެން ފެންވަރު ރަނގަޅު ބޯޅަތައް އުފައްދައެވެ. އެގޮތުން ޔޫރަޕިއަން ޗެމްޕިއަން ޝިޕް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ތައްޔާރު ކުރާ ބޯޅަތައްވެސް މުބާރާތަކަށް ފަހު މުބާރާތަކަށް ފެންވަރު ރަނގަޅު ބޯޅަތައް ދަނީ އުފައްދަމުންނެވެ. މަތީފެންވަރުގެ ފުޓްބޯޅަ މެޗުތައް ކުޅެން ބޭނުންކުރާ ބޯޅައަކީ، އެކިއުރެސީ ހައި، މަޑު އެއްޗަކަށް ވާންޖެހެ އެވެ. އެގޮތުން 1968 ވަނަ އަހަރުން ފެށިގެން މިފަދަ ހުރިހާ މަތީ ފަންތީގެ މުބާރާތްތަކަށް ވެސް ބޭނުންކުރާ ބޯޅަ އުފައްދަމުން އަންނަނީ އެޑިޑާސް ކުންފުނިންނެވެ.
އެގޮތުން މި ލިޔުމުގައި ބަލާލާނީ މިފަހަރުގެ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތަށް އެޑިޑާސްއިން ތައްޔާރު ކޮށްފައިވާ ” ދަ ޔުނިފޯރިއާ” ބޯޅައަށެވެ.
މިއީ ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ރަސްމީ ބޯޅައެވެ. މި ބޯޅައަށް ދީފައިވާ ނަމަކީ ” ދަ ޔުނިފޯރިއާ” އެވެ. ޔުނިޓީ (އެއްބައިވަންތަކަން) ޔޫފޯރިއާ (އުފާވެރިކަމާއި، ކެތްމަދުވުމުގެ އިޙްސާސް) މި ދެ ލަފުޒު އެއްކޮށްލުމަށްފަހު ”ޔުނިފޯރިއާ“ މި ނަން އެ ބޯޅައަށް ދީފައިވަނީ ޔޫރޯގެ 60 ވަނަ މުބާރާތް ފާހަގަ ކުރުމުގެ ގޮތުން ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާތީއެވެ.
ބޯޅައިގެ ފަރުމާގައި ހުރި ފިއްސަކުން ދަމާ ކަހަލަ ގަދަ ކަޅުކުލައިގެ ރޮނގުތައް ރަމްޒުކޮށްދެނީ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ އިންފާރާއި، އެއްގައުމުން އަނެއް ގައުމު ހުރަސްކުރުމަށް އޮންނަ ބޯޑަރުތަކެވެ.
އެޑިޑާސް ކުންފުނިން ބުނީ ބޯޅަ ފަރުމާކުރުމުގައި އަަބަދުވެސް ބަލަނީ ސިޓީތަކުގެ ސަގާފަތާއި، މަގުތަކުން ފެންނަ ޖޯޝާއި، ފޯރި ރަމްޒުކޮށްދެވޭ ކަހަލަ ގޮތެއްގައި ބޯޅަ ތައްޔާރު ކރުމަށް ކަމަށެވެ. ސަބަބަކީ ފަޚުރުވެރިކަމާއެކު ފުޓްބޯޅަ ދަނޑުތަކުގައި އެ ކަން ދައްކާލެވޭނެތީއެވެ.
އެޑިޑާސްގެ އުފެއްދުންތައް ފަރުމާކުރަނީ އެނިކާ މޭރީ ކެނޯގް ނަމަކަށް ކިޔާ މީހެކެވެ. މި ބޯޅަ ފަރުމާ ކުރުމަށްފަހު އޭނާ ބުނީ މުބާރާތުގެ މެޗުތައް ކުޅޭ ސިޓީ ތަކުން މިހާތަނަށް ވެސް ފެނުނީ އެންމެން އެއްބައިވަންތަވެ އަތުގުޅާލައިގެން ބަދަލަކަށް މަސައްކަތް ކުރަންޖެހިފައިވާތަންކަމަށެވެ. އަދި އެފަދަ ޑިޒައިނެއްގެ ބޭނުމަކީ ވެސް އެއީ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ފުޓްބޯޅަ އަކީ އެންމެން އެއްބައިވަންތަކޮށްދޭ ކުޅީވަރެއް ކަމަށާއި ޔުނިފޯރިއާ ރަމްޒުކޮށްދެނީ އެންމެން އެއްބައިވަންތަވެ އެންމެންނަށް އެކީ މިކަން ކުރެވޭނެ ކަންކަމަށް އޭނާ ބުނެފައިވެއެވެ.