މާލޭގެ ބައެއް ތަންތަން މޭޔަރު ޑރ. މުއިއްޒު ބައްލަވާލައިވައިފި
މާލޭގެ ބައެއް ތަންތަން މޭޔަރު ޑރ. މުުއިއްޒު ބައްލަވާލައްވައިފި އެވެ.
އެގޮތުން ޑރ. މުއިއްޒު އާއި އެހެން ކައުންސިލަރުން މިއަދު ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓް އަދި މަސް މާރުކޭޓުގެ ހާލަތު ބައްލަވާލައްވާފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާރުކޭޓްތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލުތަކެއް މިދައުރުގައި ގެނެސްދޭނެ ކަމަށެވެ. އަދި މާލެގައި ޒަމާނުންސުރެއް ބޮސުންލާފައިވާ ތަންތަނަށް ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނައުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.
އާ ކައުންސިލަރުންނާއި މޭޔަރު ހުވާ ކުރުމަށް ފަހު މާލޭގެ އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާއެކު މާލެއަކީ ހިތްފަސޭހަ އަދި އަމާންތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އަދި ހިޔާ ފްލެޓްގެ އަގު ކުޑަ ކުރުމަށާއި ގުޅީފަޅުގައި ޕޯޓް ތަރައްގީ ނުކުރުމަށް ސަރުކާރަށް ވަނީ އައު މޭޔަރު ގޮވާލައްވާފަ އެވެ.
މޭޔަރު ވަނީ ރައްޔިތުންނާ ލާބަޔާ މަންފާހުރި ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި މިނިސްޓަރުނަށް މަޝްވަރާ ކުރެއްވުމަށް ބޭނުންވާތީ އެކަމަށް އެދިވަޑައިގަތް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.