
އޭވްސެކްކޮމް ފުޓްސަލް ޗެލެންޖް: ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު އެއްވަރުވެ ”ޓީމް ބުރޭކް“ ސަލާމަތް ވެއްޖެ.
މިހާރު ކުރިޔައްދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 2016 ފުޓްސަލް ޗެލެން މުބާރާތުގައި މިއަދު ހަވީރު އަޑަފި އެފްސީ އާއި ޓީމް ބުރޭކް ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ހުޅެ އާރްއެޗްކިއު ދަނޑުގައި ކުޅެވުނު މި މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ އަވަސް ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ އަޑަފިންނެވެ. މެޗު ފެށިގެން ވަރަށް ކުރީކޮޅު އަޑަފިން ލަނޑުޖަހާ މެޗުގެ ލީޑުނަގާފައިވާއިރު އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 10 މުޙައްމަދު ފަލާޙުއެވެ.

މި ލަނޑަށް ފަހުވެސް އަޑަފި އެފްސީން މޮޅަށް ކުޅެމުން ދިޔައިރު އެޓީމަށް ވަނީ ފުރަތަމަ ހާފުގައި ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަޑަފި އެފްސީގެ ނުރައްކާތެރި ގިނަ ހަމަލާތަކުގެ ހުރަހަކައްވީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޓީމު ންރޭކްގެ ގޯލްކީޕަރު ޔާމީން އަލީއެވެ.
އަޑަފި ލީޑުގައި އޮވެ މެޗުނިމުނުނަމަވެސް ފަހުހާފު ފެށިިގެން 2 މިނެޓުތެރޭ ޓީމް ބުރޭކުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބުދުﷲ އަހުމަދު (ކުޑައަބުޅޯ) އެވެ.

މި ލަނޑަށް ފަހުވެސް އަޑަފިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިއުމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހުހާފުގެ 39 ވަނަ މިނެޓުގައި އަޑަފިން ދެވަނަ ފަހަރަށް މެޗުގެ ލީޑުނެގުމެވެ. މި ލަނޑުވެސް އަޑަފި އެފްސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މުޙައްމަދު ފަލާޙް އެވެ.
އެހެން ނަމަވެސް އޭގެ ދެމިނެޓުފަހުން ޓީމް ބުރޭކުން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ދެވަނަ ފަހަރައް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމަށް ފުރަތޔަމަ ލަނޑުވެސް ޖަހައިދިން އަބުދުﷲ އަޙުމަދު (ކުޑައަބުޅޯ) އެވެ.
މި ނަތީޖާއާ އެކު މެޗު ނިމިގެން ދިޔައިރު މުބާރާތުގައި ދެޓީމަށްވެސް ދެވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެވެ.

މި ނަތީޖާއާއެކު އަޑަފިއަށް ވަނީ ގުރޫޕު އޭގެ ތާވަލުގެ އެއްވަނަ ލިބިފައެވެ. އެޓީމަށް ގުރޫޕުގެ އެއްވަނަ ލިބެނީ މިއަދު ބައްދަލުކުރި ޓީމް ބުރޭކް އާ އެއްވަރަށް ޕޮއިންޓް ލިބިގެން ގޯލްގެ ތަފާތުންވެ. ޓީމް ބުރޭކް ގުރޫޕުގެ ދެވަނާގައި އޮތީ 4 ޕޮއިންޓާއެކުގައެވެ.
މީގެން ކޮންމެ ޓީމެއްވެސް ވަނީ މި މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ދެމެޗު ކުޅެފައެވެ. ކޮންމެ ޓީމެއްވެސް އެއްމެޗުން މޮޅުވިއިރު ދެވަނަ މެޗުން ވަނީ އެއްވަރުވެފައެވެ.
މި ގުރޫޕުގެ ތިންވަނައިގައި އޮތީ ޓެސްކޯ އެފްސީ އެވެ. އެޓީމް ތިންވަނާގައި އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެ 3 ޕޮއިންޓާއެކުގައެވެ.
މި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓީމް އޯކޭއެވެ.
މިއަދު މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބްރޭކުގެ ގޯލްކީޕަރު ޔާމީންއަލީއެވެ. ޔާމީން އަލީ ވަނީ މިއަދުގެ މެޗުގައި އެޓީމު ބަލިނުވެ ސަލާމަތް ކޮށްދިނުމުގައި ބޮޑު ދަުރެއް އަދާކޮށްފައެވެ. އެގޮތުން ގިނަ ނުރައްކާތެރި ސޭވްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މާދަމާ މި މުބާރާތުގެ ދެމެދެއް ކުޅޭނެއެވެ. މާދަމާ ދެމެޗު ކުޅެން ހަމަޖައްސާފައި މިވަނީ ކޮންމެ ޓީމެއްވެސް ކުޅޭ ކުރޫޕުގެ އެންމެ ފަހު މެޗުކަމަށްވުމުންނެވެ.
މާދަމާ ކުޅޭ ދެމެޗަށް ބަލާއިރު ފުރަމަ ކުޅެވޭނީ ގުރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ހޯބަހަކުން އެފްސީ އާއި ޓީމް ޔަގީން އެވެ. މި ދެޓީމް މާދަމާގެ މެޗަށް ނިކުންްނައިރު ދެޓީމަށްވެސް ވަނީ މިހާތަނަށް ދެމެޗު ކުޅެ ކޮންމެ ޓީމަކަށް 3 ޕޮއިންޓް ލިބިފައެވެ. މި ދެޓީމު މާދަމާގެ މެޗަށް ނިކުންނައިރު މާދަން މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ.
ދެވަނަ މެޗުގައި ވެސް ބައްދަލުކުރަނީ ގުރޫޕު ބީގެ ދެޓީމު ކަމުގައިވާ ހޮޅުއަށި އެފްސީ އާއި އެފްސީ ކިމް އެވެ. މި މެޗަށް ކިމް ނިކުންނައިރު އެޓީމު ވަނީ މާކުރިންވެސް މުބާރާތުން ކަޓާފައެވެ. އެޓީމު މުބާރާތުން ކެޓީ ކުޅުނު ދެމެޗުން ވެސް ބަލިވެގެންނެވެ.
ކިމް އެފްސީއާ ދެކޮޅަށް ނިކުންނަ ހޮޅުއަށި ޓީމު މާދަމާ ކުޅޭ މެޗުން މޮޅުވެއްޖެނަ އެޓީމު 9 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނބުރައް ދާނެއެވެ. މާދަމާ މެޗު އެއްވަރުވެގެން ނިމުނަސް ހޮޅުއަށި އެފްސީ އެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތޮގައި ދެވަނަ ބުރައް ދާނެއެވެ.
މާދަމާގެ މެޗުތަކައް ފަހު ގުރޫޕު ބީގައި ދެވަނަ ބުރައްދާ ދެޓީމް ކަށަވަރުވެގެން ދާނެއެވެ.
މާދަމާ ގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ. ދެވަނ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:40 ގައެވެ.



