
މަލާވީގައި 20،000 އެއްހާ ކޮވިޑް ވެކްސިން ނައްތާލައިފި
އާންމު ރައްޔިތުންގެ މެދުގައި ވެކްސިން ޕްރޮގްރާމަށް އޮތް އިތުބާރު އިތުރުވެގެން ދާނެކަމަށް ބުނެ، މަލާވީ ސަރުކާރުން މުއްދަތު ހަމަވެފައިވާ 19،610 ޑޯޒް އެސްޓްރާ ޒެނެކާ ވެކްސިން އަންދާލައިގެން ނައްތާލައިފިއެވެ.
މަލާވީގެ ވެރިރަށް ލިލޮންގވޭގައި ހުންނަ ކަމޫޒޫ ސެންޓްރަލް ހޮސްޕިޓަލްގައި ވެކްސިންތައް ނައްތާލުމަށް ބޭއްވި ރަސްމިއްޔާތު ފައްޓަވައި ދިނުމަށް، އެ ޤައުމުގެ ސިއްޙަތާއި ބެހޭ ވަޒީރު ޙުމްބީޒޭ ކަނޑޯޑޯ ޗިޕޮންޑާ ވަނީ ބައެއް ވެކްސިންތައް ނައްތާލުމަށް އިންސިނަރޭޓަރަށް އަޅާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗިޕޮންޑާ ވިދާޅުވެފައި ވަނީ، ވެކްސިންތައް މި ނައްތާލަނީ ސަރުކާރު ޕޮލިސީގައި މުއްދަތު ހަމަވެފައިވާ އެއްވެސް ބޭހެއް ބޭހުން ކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ވާތީ ކަމަށާއި، އަދި މާޒީގައި ވެސް ބަލިތަކުން ރައްކާތެރި ވުމަށް މަލާވީގައި މިހާތަނަށް ހިންގި އެއްވެސް ވެކްސިން އަދި ސިއްޙީ އެއްވެސް ޕްރޮގްރާމެއްގައި މުއްދަތު ހަމަވެފައިވާ ވެކްސިނާއި ބޭސް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ވެކްސިންތައް އަންދާލުމުން މަލާވީގައި ހިންގާ ވެކްސިން ޕްރޮގްރާމާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އިތުރުވެ، އެޤައުމުގައި ބޭނުންކުރާ ހުރިހާ ވެކްސިނަކީވެސް ރަނގަޅު ވެކްސިން ކަމުގެ ޔަޤީންކަން އިތުރުވެގެން ދާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެންމެންނަށް ފެންނަ ގޮތަށް ވެކްސިންތައް ނައްތާލުމުން ރައްޔިތުންނަށް ދޭ ވެކްސިންތަކަކީ ރަނގަޅު ވެކްސިންކަން ހާމަވެގެން ދާނެ ކަމަށާއި، މުއްދަތު ހަމަވެފައިވާ އެއްވެސް ވެކްސިނެއް އެއްވެސް ރައްޔިތަކަށް ނުދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ ކަމަށްވެސް ޗިޕޮންޑާގެ ވާހަކަފުޅުގައި ބުނެފައިވެއެވެ.
ނައްތާލާފައިވާ ވެކްސިންތަކަކީ އެފްރިކަން ޔޫނިއަންއާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިސްނެގުމަކުން މާރޗް މަހުގެ 26 ވަނަ ދުވަހު މަލާވީއެއް ގެންގޮސްފައިވާ 102،000 ޑޯޒް ވެކްސިންގެ ތެރެއިން ބައެކެވެ. އެޕްރިލް މަހުގެ 13 ވަނަ ދުވަހު ވެކްސިން ތަކުގެ މުއްދަތު ހަމަވިއިރު ވެކްސިންގެ %80 ވަނީ ބޭނުން ކޮށްފައެވެ.
ވެކްސިންތައް ނައްތާލުމުގެ ކަންތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ޓަކައި މި ރަސްމިއްޔާތުގައި ސަރުކާތުގެ އިސް އެތައް އޮފިޝަލުންނެއް ވަނީ ބައިވެރި ވެފައެވެ.
އެސްޓްރާ ޒެނެކާގެ 20،000 އެއްހާ ވެކްސިން ނައްތާލި ނަމަވެސް އަދިވެސް ކޮވިޑް 19 ވެކްސިންގެ އިތުރު ސްޓޮކް ސަރުކާރާއި އަމިއްލަ ސިއްޙީ މަރުކަޒު ތަކުގައި ރައްކާކުރެވިފައި ހުންނާނެ ކަމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.



