ފަހުވަގުތު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލުން ވެލެންސިއާގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭ ވެލެންސިއާގެ މައްޗަށް ބާސެލޯނާ ކުރިހޯދީ 2-3 ގެ ނަތީޖާއިންނެވެ.
ވެލެންސިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލްޖަހާ މެޗުގެ ލީޑުނެގީ ބާސާއިންނެވެ. މި ގޯލް މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.
މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ބާސާއަށް ލިބިގެން ގޮސްފައިވެއެވެ.
ފުރަތަމަ ހާފް ބާސާ ލީޑުގައި އޮވެ ނިމުނު ނަމަވެސް ފަހުހާތަށް ކުޅެން ނިކުމެ ވެލެންސިއާއިން ވަނީ އިތުރަށް ކުޅުން ވަރުގަދަ ކޮށް ބާސާގެ ފަހަތަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ފަހުހާފުގެ ވަރަށް ކުރީކޮޅު މެޗުގެ 52 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުނީރް އެލް ހަދާދީ އެވެ.
އަދި އޭގެ ހަތަރު މިނެޓުފަހުން ވެލެންސިއާ ވަނީ އެޓީމުގެ ދެވަނަ ގޯލްޖަހާ ފުރަތަމަ ފަޖަރަށް މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.
ނަމަވެސް 62 ވަނަ މިެނޓުގައި ލުއިސް ސުއަރޭޒް ވަނީ ބާސާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުން ބާސެލޯނާ މޮޅުވި ގޯލް ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މެސީއެވެ. މި ޕެނަލްޓީއަކީ ސުއަރޭޒްއަށް ވެލެންސިއާގެ ޕެނެލްޓީ އޭރިއާތެރެއިން ވެލެންސިއާގެ ކުޅޫންތެރިއަކު ކުރި ކުށަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
ރޭގެ މޮޅާއެކީ ބާސާ ލީގުގެ އެއްވަނައިގައި އޮތީ، 19 ޕޮއިންޓާއެކީގައެވެ. ނަމަވެސް މިރޭ ކުޅޭ މެޗުތަކުން އެތްލެޓިކޯ މެޑްރިޑް އަދި ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ ބާސާއަށް އެއްވަނަ މަގާމު ގެއްލޭނެއެވެ.
ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެފައިވާ އެ ދެ ޓީމަށް ވެސް ވަނީ 18 ޕޮއިންޓް ލިބިފައެވެ.
މިރޭ މެޗުތަކަށް ބަލާއިރު ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ ކުލަބު ބައްދަލުކުރާ މެޗު ކުޅެވޭނީ މިރޭ 11:45 ގައި ރެއާލްގެ ދަނޑުގައެވެ. އަދި އެތްލެޓިކޯ މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރާ މެޗު ކުޅެވޭނީ މިރޭ 7:15 ގައި ސެވިއްޔާގެ ދަނޑުގައެވެ.