ޚަބަރު ފީތާ

ޕްރެޝަރ ބޮޑު ވުމުން ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑާލަން ބައިޑަން ތާޢީދު ކޮށްފި

އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކާއި ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ދެކޮޅަށް އަޑު އުފުލާ އަމިއްލަ ޕާޓީގެ ބައެއް މެމްބަރުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން، އިޒްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް މެދުކަނޑާލުމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ތާއީދުކުރާކަން ހާމަ ކުރައްވައިފިއެވެ.

ހޯމަދުވަހު ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ކުރެއްވި ފޯންކޯލެއްގައި، ދެ ޤައުމުން ދެމުންދާ ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ތާއީދު ކުރައްވާ ކަމަށާއި، މަސްރަޙު ސުލްޙަވެރި ކުރުމަށް މިސްރާއި އަދި އެހެން ބައިވެރިންނާއެކު އެމެރިކާ ބައިވެރިވެގެން މަސައްކަތް ކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ޙަމާސްގެ ރޮކެޓް ހަމަލާތަކުން ދިފާޢުވުމުގެ ޙައްޤު އިޒްރާއީލަށް އޮންނާނެ ކަމަށް ބުނެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޙަމަލާތަށް ހުއްޓާލުމަށް އެތައް ޤައުމަކުން ގޮވާލަމުންދާއިރު މީގެ ދެދުވަސް ކުރިން ޓީވީއަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނެފައި ވަނީ، ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓާނުލައި އިތުރު ބާރާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.

މޭ މަހުގެ 10 އެއްގައި އިޒްރާއީލުން ޣައްޒާއަށް ޙަމަލާ ދޭން ފެށިފަހުން މިހާތަނަށް 212 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި 61 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި 1000 އަށްވުރެ ގިނަ މީހުން ޒަޚަމްވެ މީހުން ދިރިއުޅޭ އެތައް އިމާރާތް ތަކަކާއި މީޑިއާގެ ފަރާތްތަކުން ބޭނުންކުރަމުން ދިޔަ އިމާރާތެއް ވެސް ވަނީ ޙަމަލާދީ ހަލާކު ކޮށްލާފައެވެ.

ޙަމާސްއިން ދިން ރޮކެޓް ހަމަލާތަކުން އިޒްރާއީލްގެ 10 މީހުން ވަނީ މަރުވެފައެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޕްރެޝަރ ބޮޑު ވުމުން ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑާލަން ބައިޑަން ތާޢީދު ކޮށްފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.