
ރައްކާތެރިކަމުގެ ފިޔަވަޅުތައް މެއި 25 ގެ ނިޔަލަށް ދަމަހައްޓައިފި
ކޮވިޑުން ރައްކާތެރިވުމަށްމާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މެއި 25 ގެ ނިޔަލަށް ދަމަހައްޓައިފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އބޫބަކުރު ސޮއިކުރައްވައި މިއަދު އާންމު ކުރެއްވި އެންގުމުގައި ވަނީ، 12 މެއި 2021 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް، މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް 11 މެއިގައި އެންގި އެޗްޕީއޭގެ އެންގުމުގެ މުއްދަތު 19 މެއި 2021 އިން ފެށިގެން އިތުރު ހަތްދުވަހުގެ އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެއް ހަފްތާގެ މުއްދަތަށް އިތުރުކުރި ފިޔަވަޅުތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި، ހޮޓާ، ކެފޭ، ރެްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކްއަވޭއާއި، ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓާލުން ހިމެނެ އެވެ.
މީގެ އިތުރުން ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތް ނުދެވޭނެ ކަމަށްވެސް އެންގުމުގައި ވެއެވެ. އަދި މާލެ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް އެ އެންގުމުގައި ހިމެނެއެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް މާލެ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން.
އެންގުން ނަންބަރު: 52/2021https://t.co/YAGRVSkPRq
— Health Protection Agency (@HPA_MV) May 18, 2021