ރާއްޖޭގެ އައި.ސީ.ޓީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި: މިނިސްޓަރ ޝައުނާ
ރާއްޖޭގެ އައި.ސީ.ޓީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އަދިވެސް ހުރިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގަ އެވެ.
މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، މީގެ 78 އަހަރު ކުރިން ތަޢާރަފް ކުރި މި ޚިދުމަތަށް މިއަދު މިވަނީ ބޮޑެތި ބަދަލުތައް އައިސްފައި ކަމަށެވެ.
މިރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައި ކަމަށް ވެސް ވަނީ ވިދާޅުފަ އެވެ.
“މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރއިން ކުރައްވާފައިވާ މަސައްކަތްތައް މި ދަނޑިވަޅުގައި ފާހަގަކުރަން. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ، މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން ފާހަގަކުރަން.” މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރ ގެ ޚިތާބުގައި އިތުރަށް ވިދާޅުވީ މިޚިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކުރައްވާ ކަމަށާއި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖެއަށް ވަނީ ތަޢާރަފްކުރެވިފައި ކަމަށެވެ.
ރާއްޖޭގެ އައި.ސީ.ޓީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށާއި އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
އެގޮތުން ރައްޔިތުންގެ މި އިޙުސާސްތަކަށް ރިޢާޔަތްކޮށް، އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤާއިމްކުރުމަކީވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެކެއް ކަމަށާއި މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިޞާދަށް ލިބި، ދިވެހިން އެދޭ ތަރައްޤީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.