އިއްޔެ ހަވީރު 4:30 ގައި ސިނަމާލެ 3 ސަރަހައްދުގައި އޮންނަ ހުސްބިމުގައި އޮތް މިބައްދަލުކުރެއްވުމުގައި މެޑަމް ފާތިމަތު އިބްރާހިމްއާއި ބައްދަލުކުރެއްވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެސަރަޙައްދަށް ޖަމާވެފައެވެ.
އެގޮތުން އެކަމަނާ ވަނީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ، ހާލު ބައްލަވާލައްވާލެއްވި އިރު، މިބައްދަލުކުރެއްވުން ކުރިއަށްދިޔައިރު ރައްޔިތުންނަށް ޚާއްޞަކޮށް އެސަރަޙައްދުގައި ވަނީ ފަރިއްކޮޅެއް ތައްޔާރުކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވަނީ މީގެ ކުރިންވެސް ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އެގޮތުން މިހިނގާ 2016 ވަނަ އަހަރުގެތެރޭގައި މާލޭގެ އެކި ގޭގެއަށް ވަކިވަކިން އެކަމަނާ ވަނީ ޒިޔާރާތްކުރައްވާފައެވެ. އަދި އައިޖީއެމްއެޗާއި ކ. އަތޮޅުގެ އެކި ހޮސްޕިޓަލްތަކަށް އެކަމަނާ މިހާރުވެސް ގެންދަވަނީ ޒިޔާތްކުރައްވާ ބަލިމީހުންގެ ޙާލު ބައްލަވަމުންނެވެ.
މީގެއިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވަޑައިގެން މެޑަމް ފާތިމަތު އިބްރާހިމް ވަނީ އެކުދިންގެ ޙާލުވެސް ބައްލަވާލައްވާފައެވެ.
ކުރިއަށް އޮތްތަނުގައިވެސް މެޑަމް ފާތިމަތު އިބްރާހިމް އެކިގޮތްގޮތުން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ މިފަދަ ޕްރޮގުރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގުރާމުތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް މެޑަމް ފާތިމަތު އިބްރާހިމް އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވައެވެ.