
ވަރުގަދަ ޔުވެންޓަސް ބަލިކޮށް އޭސީ މިލާން ލީގުގެ ދެވައަށް.
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު އޭސީ މިލާން މެޗުން މޮޅުވެއްޖެއެވެ.
މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.
މިލާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.
އެހެން ނަމަވެސް ދެޓީމައްވެސް ވަނީ ލަނޑުޖަހަން ފުރުސަތު ލިބިގެން ގޮސްފައެވެ.
ފަހުހާފުގެ ކުޅުން ފަށައިގެން ދެޓީމުންވެސް ކުޅެމުންގެންދިޔައީ ވަރަށް އަވަސް އަދި ހަލުވިކުޅުމެކެވެ. ދެޓީމައްވެސް ލަނޑުޖަހަން ފުރުސަތު ލިބެމުން ދިޔައެވެ.
އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އޭސީ މިލާނުންވަނީ ވަރުގަދަ ޔުވެންޓަސް ގެ ގޯލް ފޫއަޅުވާލަފައެވެ.
މިލާންގެ ޒުވާން ކުޅުންތެރިއާ އުމުރުން އެންމެ 18 އަހަރުގެ މެނުއެލް ލޮކަޓެއްލީ އޭރިއާގެ ބޭރުބް ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ގޮސް ޔުވެންޓަސްގެ ގޯލުގެ ހުރަސް ދަނޑީގެ ތިރީކައިރީގައި ޖެހިފައި ވަނީ ގޯލްގެ އެތެރެއަށެެވެ.
ލޮކަޓެއްލީގެ މި ލަނޑާއެކު ޔުވެންޓަސްއިން އިތުރައް ކުޅުންވަރުގަދަކޮށް މިލާންގެ ފަހަތައް ބާރު ބޮޑުކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގައި ޔުވެންޓަސްގެ ކެދީރާ ވަރަށް ދުރުން ފޮނުވާލި ބާރުހަމަލާއެއް މިލާންގެ ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް މިލާންގެ ގޯލްކީޕަރު ވަނީ އަތުން ޕަންޗްކޮށް ދަނޑިމަތިން ބޯޅަ ބޭރުކޮށްލާފައެވެ. މި ހަމަލާއާ އެކު މެޗުގެ ކުޅުން ނިމިގެންދިޔައީ މިލާން ކުރީގައި އޮވެގެންނެވެ.
މި މޮޅާއެކު މިލާން ވަނީ ތާވަލުގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. ޔުވެންޓަސްއަށް ވުރެ 2 ޕޮއިންޓް މަދުން ލީގުގެ ދެވަނާގައި މިލާން އޮތީ 19 ޕޮއިންޓާއެކުގައެވެ. ތިންވަނާގައި 16 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.



