
ވިކްޓްރީ ޕްލޭ އޮފް ކުޅެން ޖެހިއްޖެ..
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ވިކްޓްރީ ސްޕޯޓްސް ކްލަބު ޕްލޭ އޮފް ކުޅެން ޖެހިއްޖެއެވެ.
އެ ޓީމު ޕްލޭ އޮފް ކުޅެން ޖެހުނީ ލީގުގެ ފުލަށް ގޮސް ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވެފައިވާ ބީޖީ ސްޕޯޓްސް އާ މިއަދު ބައްދަލު ކުރި މެޗު 0-1 ން ބަލިވުމުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި އެއްވަރެއްގެ ކުޅުމެއް މި މެޗުގައި ފެނުނު ނަމަވެސް ބީޖީއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް، ބޭކާރުކޮށްލާފައެވެ. އެގޮތުން އަޙްމަދު އުޝާމްއަށް ލިބުނު ފުރުޞަތުގައި އޭނާ ފުރަތަމަ ފޮނުވާލި ހަމަލާ ވިކްޓަރީގެ ކީޕަރު އިބްރާހިމް އިފްރާހު ޢަރީފް ދިފާޢު ކުރިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު 74 ވަނަ މިނެޓުގައި ބީޖީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރ ކިންގްސްލީއެވެ.
މި މެޗުން ބީޖީ މެޗުން މޮޅުވި ނަމަވެސް އަދިވެސް އެޓީމު އޮތީ 17 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ވިކްޓަރީ އޮތީ 7 ވަނާގައި 19 ޕޮއިންޓާއި އެކު އޮތް އިރު، ގަދަ ހައެއްގައި ނުހިމެނި ހަތް ވަނައަށްދާ ޓީމެއް ޖެހޭނީ ދެ ލެގު އުސޫލުން ދެ ވަނަ ޑިވިޝަންގެ ރަނަރރަޕް ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ. އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމެކެވެ. ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް އެއްވަނަ ޑިވިޝަނުން ސީދާ ޖާގައެއް ލިބޭނެއެވެ.
ދެވަނަ ޑިވިޝަނުގެ ފައިނަލު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގައި ބައދަލު ކުރާނީ ކްލަބް ޒެފްރޯލް އާއި ގްރީން ސްޓްރީޓް އެވެ.



