
ފުލުހުންގެ ބޭނުމަކަށް ރައީސް ޔާމީން މާލެ ގެނެސްފި
ފުލުހުންގެ ބޭނުމަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން މާލެ ގެނެސްފި އެވެ.
އެ މަނިކުފާނު މިއަދު ހެނދުނު މާލެ ގެނައީ އެމްއެމްޕީއާރްސީ މައްސަލަ އާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
ރައީސް ޔާމީން މިމަހު 14 ވަނަ ދުވަހު ވެސް ވަނީ މާލެ ގެނެސްފައެވެ. އެދުވަހު ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ވެކްސިން ޖައްސަވަންށެވެ. ނަމަވެސް މާލެ ގެނައުމުން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވެމުން ވަނީ އަނބުރާ މާފުށި ޖަހަށް ގެންގޮސްފައެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވާފައި ވާ ކަމަށް ބުނެ ދެކެވެމުން ދާ ވާހަކަތައް ދޮގުކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.