އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާ ގާތަށްޖެހިލައިފިއެވެ.
ދެވަނަ ބުރާ ގާތަށް އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ޖެހިލީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކޯޕެންހޭގަންގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނގެން ދިޔައިރު ލެސްޓާއިމް މެޗުގެ ހަމަ އެކަނި ލަނޑު ޖަހާ ލީޑުނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މެޗުގެ 40 ވނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހުރޭޒް އެވެ.
މެޗުެ ފުރަތަމަ ހާފު ލެސްޓާ ލީޑުގައި އޮވެ ނިމުނު އިރު ދެވަނަހާފަށް ކުޅެން ނިކުމެވެސް އެޓީމު ވަނީ މޮޅުކުޅުމެއް ދައްކާ ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށް ކޯޕެންހޭގަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހިއެވެ.
ރޭގެ މި މޮޅާއެކު ލެސްޓާ މިހާތަނަށް އެޓީމު ހިމެނޭ ގުރޫޕް ޖީގައި ކުޅުނު 3 މެޗުންވެސް މޮޅުވެފައެވެ.
ރޭގެ މި މޮޅާއެކު ލެސްޓާ މިވަގުތު އޮތީ ގުރޫޕް ޖީގެ އެއްވަނާގައި 9 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗު ކާމިޔާބު ކުރުމުން ލެސްޓާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ތިން މެޗު ކާމިޔާބު ކުރި ފަސްވަނަ ޓީމަކަށެވެ. އަނެއް ހަތަރު ޓީމަކީ އޭސީމިލާނާއި ޔުވެންޓަސް އަދި މަލާގާ އާއި ޕީއެސްޖީ އެވެ. ލެސްޓާ ކޯޗު ރަނިއޭރީ ބުނީ މިކަމާ އޭނާ ފަހުރުވެރިވާ ކަމަށެވެ.
ޕްރެމިއާ ލީގުގައި ލެސްޓާ މިވަގުތު އޮތީ އަށް ޕޮއިންޓާއެކު 13 ވަނާގަ އެވެ.