
ރަސޫލާ صلى الله عليه وسلم އަށް ތަބަޢުވުމުގެ ވާޖިބުކަން (2)
އެކަލޭގެފާނަށް ތަބާވުމާ ބެހޭގޮތުން ޞަހާބީ ބޭކަލުންނާއި ސަލަފުންގެ ބޭކަލުންގެ ބަސްފުޅުތައް.
އަލްޙަސަނުލް ބަޞަރީ ރަޙިމަހުﷲ ޢިމްރާން ބިން ޙުސައިން رضي الله عنه ގެ ކިބައިން ރިވާކުރައްވައެވެ.
”އެކަލޭގެފާނު އަޞްހާބުންނާއިއެކު އިށީނދެވަޑައިގެން އިންނެވިއެވެ. ދެން އެތަނުން މީހަކު ބުންޏެވެ. ކަލޭގެފާނު ޤުރުއާނުން މެނުވީ ތިމަންނަމެންނަށް ނަޞީޙަތް ނުދޭހުށިކަމެވެ. އެކަލޭގެފާނު އޭނާއަށް ކައިރިއަށް އައުމަށް ވިދާޅުވިއެވެ. ދެން އޭނާ ކައިރިއަށް އައުމުން ވިދާޅުވިއެވެ. : ތިބާއާ ތިބާގެ އެކުވެރިން ހަމައެކަނީ ޤުރުއާނަށް ބަރޯސާވެއްޖެނަމަ މެންދުރު ނަމާދުގައި އޮތީ ހަތަރު ރަކުޢަތްކަމަށް ޤުރުއާން ދުށީމުހެއްޔެވެ؟ އަދި ޢަޞުރު ނަމާދުގައި އޮތީ ހަތަރު ރަކުޢަތްކަމާއި އަދި މަޣުރިބު ނަމާދުގައި އޮތީ ތިންރަކުޢަތްކަމާއި އެނަމާދުގައި ކިޔަވަން ޖެހެނީ ހަތަރު ދެރަކުޢަތުގައި ކަމަށް ދުށީމުހެއްޔެވެ؟
ތިބާއާ ތިބާގެ އެކުވެރިން ﷲ ގެ ފޮތަށް ހަމައެކަނި ބަރޯސާވެއްޖެނަމަ ތަވާފުކުރަން ޖެހެނީ ހަތްފަހަރު ކަމާއި އަދި ޞަފާ މަރުވާ ދެމެދުގައި ހިނގަންޖެހޭ ކަން ފެނުނީ ކޮންތަނަކުން ހެއްޔެވެ؟ ދެން އެޔަށްފަހު މީސްތަކުން ވިދާޅުވިއެވެ. އޭ އެންމެހާ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަހަރެމެން ފަދައިން އެބަހީ ޞަޙާބީން ފަދައިން ވާހުށިކަމެވެ ނުވަތަ ޢިލްމު ނަގާހުށިކަމެވެ. އެހެންނޫންކަމުގައިވާނަމަ ތިޔަބައިމީހުން މަގުފުރެދިގެން ހިނގައިދާނެއެވެ“.
އިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.“(ނަބިއްޔާ ﷺ ގެ) ސުންނަތުގެ މިސާލަކީ ނޫޙު عليه السلام ގެ ނައުކޮޅުގެ މިސާލެވެ. އެޔަށް އެރިމީހަކު ވެއްޖިއްޔާ ނަޖާވެއްޖެއެވެ. އަދި އެޔަށްނޭރި މީހަކުވެއްޖިއްޔާ ހަލާކުވެއްޖެއެވެ.“ (ތާރީޚު ބަޣުދާދު 7/336، ތާރީޚު ދިމިޝްޤު 9/14)
އައްޔޫބު އައްސިޚްތިޔާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”މީހަކު ސުންނަތުގެ ވާހަކަ ދައްކައިފިނަމަ ތިޔަ ދޫކޮށްލާށޭ ޤުރުއާނުގެ ވާހަކަ ދައްކާށޭ ރައްދެއްގެ ގޮތުން ބުނާމީހުންނާއި މެދު ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެއީ މަގުފުރެދި މީސްތަކުން މަގުފުރައްދަމުންދާ މީހެއްކަން ކަށަވަރެވެ“.
އަލްޙާފިޡު އިބުން ޢަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއްގެ ޚުލާސާގައިވެއެވެ.
”ސުންނަތް އައިސްފައިވަނީ ދެގޮތެއްގެމައްޗަށެވެ. އެއީ މާތްވެގެންވާ ފޮތުގައި ޢާންމުގޮތެއްގައި އައިސްފައިވާ ކަންކަން ބަޔާންކޮށްދިނުމާއި އަދި ﷲ ގެ ފޮތުގައި އައިސްފައިވާ ޙުކުމްތަކަށް އިތުރުވެފައިވާ ކަންކަން ބަޔާންކުރެއްވުމަށްޓަކައެވެ“.
އާދެ މާތްވެގެންވާ ޞަހާބީ ބޭކަލުން އެކަލޭގެފާނަށް ތަބާވުމުގައި ވަނީ ކުރިއަރައިގެން ގޮސްފައެވެ. އެބޭކަލުންނަކީ މާތް ނަބިއްޔާ ﷺ އަށް އެންމެ ވަރުގަދައަށް ތަބާވެ އިއުތިޤާދުވީ ބޭކަލުންނެވެ. އަޅުގަނޑުމެންނަށްއޮތީ މިބަސްތަކުން އިބުރަތްލިބިގަނެ މާތްނަބިއްޔާ ﷺގެ ފުރިހަމަ ނަމޫނާ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކޮށް އެކަލެގެފާނުގެ ސުންނަތާއި ޚިލާފުކަންކަމުން ދުރުވެ ބިދުޢަތަކުން ދުރުވެގަތުމެވެ.
އެހެނީ ﷲ ކީރިތިޤުރުއާނުގައި ހަތްއުޑުމަތިން ބާވާލެއްވި ވަޙީބަސްފުޅުގައި ވަޙީކުރައްވާފައިވެއެވެ.
(فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ…﴾ سورة القصص: 50
ތަރުޖަމާއީ: ”ފަހެ އެބައިމީހުން ކަލޭގެފާނަށް (އެބަހީ: މުޙައްމަދު ﷺ އަށް) ތަބާނުވާކަމުގައިވާނަމަ(އިޖާބަނުދޭކަމުގައިވާނަމަ) ފަހެ ދަންނާށެވެ. ހަމަކަށަވަރުން އެބައިމީހުން އެތަބާވަނީ އެބައިމީހުންގެ ހަވާނަފުސަށް ކަމުގައި މެނުވީ ނުވެއެވެ.“
ވީމާ އަޅުގަނޑުމެންނަށް އޮތީ ހަވާ ނަފުސަށް ތަބާވާ މީހުންގެ ކިބައިން ބަރީޢަވުމެވެ. އަދި ﷲ ފޮނުއްވި ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާގެ މަގުގައި ހިފުމެވެ. އެކަލޭގެފާނަށް ލޯބިކުރުމެވެ. އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުން ހިދާޔަތް ލިބިގަނެ އެމަގުގައި ހިނގޭތޯ މަސައްކަތްކުރުމެވެ.
ނުނިމޭ…
ކުރީގެ ބައި ވިދާޅުވުމަށް މި ލިޔުމަށް ފިތާލައްވާ



