
“ޓްރެވް ޙައްޖު އެންޑް ޢުމްރާގެ 27 ސުވާލް 1440” ނިންމާލައިފި
ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ގެނެސްދިން ދީނީ ސުވާލު މުބާރާތް، “ޓްރެވް ޙައްޖު އެންޑް ޢުމްރާގެ 27 ސުވާލް 1440” ނިންމާލައިފިއެވެ.
އެޓޯލްނިއުސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި މުބާރާތް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލި އިރު، މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކުވެސް ސުވާލެއް ގެނެސްދީފައިވެއެވެ. އަދި ގިނަ ޢަދަދަކަށް ތަރުޙީބުވެސް ލިބިފައިވެއެވެ.
މި ސުވާލު މުބާރާތާއިބެހޭގޮތުން އެޓޯލްނިއުސްއަށް މަޢުލޫމާތު ޙިއްޞާކުރައްވަމުން ޓްރެވް ޙައްޖު އެންޑް ޢުމްރާގެ މާކެޓިންގ މެނޭޖަރ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވީ ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 1200 އާއި 1500 އާދެމެދުގެ ޢަދަދެއްގެ މީހުން ސުވާލަށޤ ޖަވާބު ފޮނުވި ކަމަށެވެ.
“މިއީ ޓްރެވް ޙައްޖު އެންޑް ޢުމްރާ ގްރޫޕާ އަޅުގަނޑުމެން (އެޓޯލްނިއުސް) ގުޅިގެން ރޯދަމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތެއް. ގުރުއަތުން ހޮވޭ ފަރާތަކަށް ޓްރެވްގެ ފަރާތުން އަންނަ ޑިސެމްބަރ މަހު ހިލޭ ޢުމްރާ ދަތުރެއް ލިބޭނެ.” އިބޭ ވިދާޅުވިއެވެ.
މީގެ އިތުރުން އިބޭ ވިދާޅުވީ ގުރުއަތުލުން އޮންނާނީ ރޭޑިއޯ އެޓޯލް އިން ކުރިއަށްގެންދާ “އިބޭ ޝޯވ” ގައި ޖޫން 19 ވާ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އަދި މިޝޯވ ރޭޑިއޯ އެޓޯލްގެ އެފްބީ ޕޭޖުން ލައިވް ކުރާނެ ކަމަށްވެސް އިބޭ ވިދާޅުވިއެވެ.
ކުރިއަށް އޮތްތާނގައި އެކި އެކި މުއައްސަސާތަކަށާއި ޖަމްޢިއްޔާ ޖަމާތްތަކަށްވެސް މި ފުރުޞަތު ދިނުމަށް ވިސްނަމުން އަންނަ ކަމަށްވެސް އިބޭ ވިދާޅުވިއެވެ.
ގޫގަލް ފޯމެއް މެދުވެރިކޮށް ސުވާލުގެ ޖަވާބުދޭގޮތަށް ފަރުމާކޮށްފައިވާ މި ސުވާލު މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އެޓޯލް ނިއުސް އިން ގެނެސްދޭ އަދި ގިނަބަޔަކު އިންތިޒާރުކުރާ ދީނީސުވާލު މުބާރާތެކެވެ.