
ނަޝީދާއި އީވާ އަށް ރައީސް ޞާލިޙުގެ ހޫނު މަރުހަބާ އެއް
ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އަދި ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ނަން ފާސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.
މި ދެ ބޭފުޅުންނަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓޫގައި ރައީސް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ނަޝީދާއި އީވާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދުހެ ނަން ފާސްކޮށް އަދި ނައިބަކަށް އީވާގެ ނަން ފާސްކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ކުއްލި ހައިރާން ކަމެއް ގެނުވި ކަމަކަށެވެ. މަޖިލީހުގެ ވާދަވެރިކަން ބޮޑުވެގެން ގޮސް ރައީސް ސޯލިހު ވިލުފުށީ ދާއިރާއަށް އިންތިހާބުވި ހަސަން އަފީފް އަށް ތާއީދު ކުރެއްވިއިރު، ނަޝީދު ތާއީދު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ނަންފުޅު ފުރަތަމަ ހުށައެޅުއްވުމުން އެމަނިކުފާން އެކަން ގަބޫލުފުޅު ކުރައްވަން ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ވަރަށް ގާތް ބޭފުޅަކަށް ގުޅުއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ހުށަހެޅުން ގަބޫލުކުރައްވާފައެވެ.
މަޖިލީހުގެ ރައީސަކަށް ނަޝީދުގެ ނަން އަދި ނައިބު ރައީސަކަށް އީވާގެ ނަން އެމްޑީޕީ ޕާލިމެންޓު ގްރޫޕުން ފާސްކޮށްފައިވާއިރު، 19 ވަނަ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އިންތިހާބު ކުރުން އޮންނާނީ އާ މަޖިލީހުގެ ހުވާކުރެއްވުމަށްފަހު މިރޭ ބާއްވާ އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.



