
ހަދަމުން ދިޔަ މިސްކިތަކުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ
މިހާރު އަލުން އިމާރާތްކުރަމުން އަންނަ މަސްޖިދު ބަހާއުއްދީން މަސްހޫރުނަމުންނަމަ މާވެޔޮ މިސްކިތް އަލުން އިމާރާތް ކުރަމުންދަނިކޮށް ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:00 ޖަހާ ކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވެފައި ވަނީ އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ބިދޭސީންނަށް ކަމަށެވެ. އެ ދެ މީހުން މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައެވެ.
އެހެން ނަމަވެސް އެ އަނިޔާވި ދެމީހުންނަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަނިޔާ ލިބުނު އެކަކުގެ އުނަގަނޑަށް ތަދުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އަނެއް މީހާގެ އިނގިއްޔެއް ކަފައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައެވެ. އަދި އެ އަނިޔާވި ދެ މީހުން ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.
ހަދަމުން ދިޔަ އިމާރާތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ އިރު، މީގެ މަހެއްހާ ދުވަސް ކުރިން ވެސް މާލޭގައި ހަދަމުން ދިޔަ މިސްކިތެއްގެ މަތިން ވެއްޓި ފަރުވާދެމުން ދަނިކޮށް މީހަކު ވަނީ މަރުވެފަ އެވެ.



