
ވަކި މުއްދަތަކަށް ބަންގްލަދޭޝްގައި މަސްވެރިކަން ކުރުން މަނާކުރަން ނިންމައިފި
ވަކި މުއްދަތަކަށް ބަންގްލަދޭޝްގައި މަސްވެރިކަން ކުރުން މަނާކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމީ މަހުގެ ސްޓޮކް މަދުވަމުންދާތީ، ވަގުތީ ގޮތުންކަމަށް އެ ޤައުމުން ބުނެއެެވެ. އަދި މަސްވެރިކަން މަނާކުރީ މި މަހުގެ 20 އިން ޖުލައި މަހުގެ 23 އަށް ކަމަށެވެ.
އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ މުއްދަތުގައި ބަންގާޅުގެ ކަނޑާއި ފަޅުތަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް އެއްވެސް ކަހަލަ އުޅަނދެއްގައި ކުރުމަކީ މަނާކަމެއް ކަމަށެވެ.
މަހުގެ ސްޓޮކް އެ ޤައުމުގައި ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރަން ބޭނުން ނަމަ މިފަދަ ފިޔަވަޅުތައް އަޅަންޖެހޭކަމަށްވެސް އެޤައުމުގެ ސަރުކާރުން ބުނާކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އުސޫލު ތަންފީޒު ކުރަން ބަންގްލަދޭޝްގެ ކޯސްޓް ގާޑާއި ނޭވީ ބޭ އޮފް ބެންގާލް ހަރަކާތްތެރިވަމުން ދާނެ ކަމަށާއި މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި 20 އިން ޖުލައި 23 އަށް މަސްވެރިކަން ކުރުން މަނާ ދުވަސްވަރެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ބަންގްލަދޭޝްގައި ހިލްސާގެ މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ އިރު، ދުނިޔޭގައި ބާނާ އެ ބާވަތުގެ 60 އިންސައްތަ މަސް ހިއްސާ ކުރަނީ އެ ޤައުމުންނެވެ.
މީގެ ކުރިންވެސް ބަންގްލަދޭޝްގައި އެކި ފަހަރު މަތިން، ކުރު މުއްދަތަކަށް ކޮމަރޝަލް ފިޝިންގ މަނާކޮށްފައިވިޔަސް، މިއީ މިހާ ދިގު މުއްދަތަކަށް މަސްވެރިކަން މަނާކުރި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގެ މަސްވެރިިންނާއި އެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން މިހާރު އަންނަނީ އެ އުސޫލު އަލުން މުރާޖައާ ކުރުމަށް ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ގޮވާލަމުންނެވެ.



