
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަންފަށައިފި
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަންފަށައިފިއެވެ.
އެގޮތުން މިއަދު ބަހަން ފަށާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
މިއީ އެ ޤައުމުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް ސަޢުދުގެ ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ރާއްޖެއަށް ހަދިޔާ ކުރާ ކަދުރެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަދުރު ބަހާ އިރު، މިދިޔަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ. އަދި އެ ލިސްޓުގައި ނެތް މީހުންނަށް ކަދުރު ބަހާނީ ފަޤީރުންގެ ލިސްޓްގައި ހިމެނޭ އެންމެންނަށް ކަދުރު ބަހާ ނިމުމުން ކަމަށެވެ.
މާލޭ ޕޮލިސް ޓޯޔާރޑް ކައިރީގައި ހުންނަ ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާ ބެހޭ ސެކްޝަނުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ނިންމާފައިވާ އިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް ނިންމާފައިވަނީ ބަރުދަނުގައި އެއްކިލޯ ހުންނަ 4268 ކަދުރު ޕެކެޓެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކަދުރު ބެހުން ކުރިއަށްދާނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 12:30 އަދި ރޭގަނޑު 21:00ން 22:30 އަށް ކަމަށެވެ.
ކަދުރު ބަލާދާއިރު ދިރިއުޅޭ ތަނުގެ ކުލީގެ އެގްރިމެންޓުގެ އަސްލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ އަސްލު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ.
ސަޢޫދީން މިއަހަރު ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ. މި ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ހަވާލުވެވަޑައިގަތީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރި ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަދުރު ބެހޭވަރު ނުވާނެ ކަމަށާއި އެހެންކަމުން ބައެއް އަމިއްލަ ފަރާތްތަކުން ކަދުރު ހަދިޔާކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ ކަންކަން ކުރަމުންދާނީ ރަށު ކައުންސިލް އިދާރާއިންނެވެ.



