
ފަޚުރުވެރި ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމް ދީނުގެ ސައްޙަ އަޤީދާގައި ކުދިން ތަރުބިއްޔަތުކުރެވިގެން: ރައީސް
ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހެދޭނީ އިސްލާމްދީނުގެ ސައްހަ އަޤީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރެވިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ޚިޠާބުގައެވެ.
ރައީސް ސާލިޙް ވިދާޅުވީ ދަރީންގެ އިހުތިރާމާއި އެހީތެރިކަން މައިންބަފައިންނަށް ލިބެނީ ލޯތްބާއި އޯގާތެރިކަމުގެ އުނގެއްގައި އެކުދިން ތަރުބިއްޔަތު ކުރެވިގެން ކަމަށެވެ.
ރީތި ސިފަތަކާއި އާދަތަކުން ޒީނަތްތެރިވުމަށް އެކުދީން ހެދިބޮޑުވެ ތަރުބިއްޔަތުވަމުން އަންނަ ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމާއެކު އެކަކު އަނެކަކާ މުއާމަލާތުކުރާ މާހައުލަކަށް ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޢުމުރުފުރާތަކާ އެކަށީގެންވާ ގޮތުން އެ ކުދިންނަށް ދެވޭ ކޮންމެ މިނިވަންކަމަކާއެކު އެކުދިންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާކަން އަބަދާއިއަބަދު ހަނދާންކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށްވެސް ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އެ މިނިވަންކަމުގެ ބޭނުން ހިފަނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.



