
ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ: މިނިސްޓަރ
ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް މިއަދު ދެއްވި ޚިޠާބުގައެވެ.
މިޚިޠާބުގައި އެކަމަނާ ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުޑަކުދިންގެ ޢުމުރުފުރާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވަމުންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރެވިގެން ދާ އިރު، ކުޅިވަރާއި އެކި ހަރަކާތްތައް މެދުވެރިކޮށް، ދުވަހުގެ ޝިޢާރު އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވައި، ހަޤީޤީ މާނައިގައިވެސް ކުޑަކުދިން ބާރުވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.



